ފަތުރުވެރިކަމުގެ ދައިރާގެ މަސައްކަތްތެރިންގެ ހުނަރުތައް ތަރައްޤީކުރުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާ އެއް ސިނާޢަތެވެ. މި ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ސިނާޢަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށްދީ އެ ފަރާތްތަކަށް އެކަށޭނެ ތަމްރީނު ދިނުމަކީ ސަރުކާރުން އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ.
މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވަނީ، ދުވަހުގެ ތަހުނިއްޔާ މަސައްކަތްތެރިންނަށް ދަންނަވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވާ ވިދާޅުވީ، އެ ފަރާތްތަކަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީޢަށް މުހިންމު މަސައްކަތްތަކެއް ކުރާ ބާއެއް ކަމަށެވެ.
ވަޒީރު ވަނީ ދިވެހި މަސައްކަތްތެރިން ކުރަމުންދާ މަސައްކަތް ސަރުކާރުން ވަރަށް ގާތުން ބަލައި، އެ ފަރާތްތަކުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބަލައިގަންނަކަމަށް ވިދާޅުވެއެވެ.
"ޒުވާނުން ފަތުރުވެރިކަމުގެ ދައިރާގައި ގިނަކޮށް އެކަށީގެންވާ ވަރަށް ތަމްރީނުކުރުމަކީ އެއީ ކުރާ ކަމެއް. ޒުވާނުންނަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ތިމާވެށީގެ ދައިރާގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެއް. ރާޢްޖެގެ ޒުވާނުން އެކަމަށް އަހުލުވެރިކުރުވުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާނެ ކަމެއް " ވަޒީރު ތާރިޤު ވިދާޅުވިއެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރު ވަނީ ޒުވާނުން މި ދައިރާއަށް ނެރެ މަތީ ފަންތީގައި ހަރަކާތްތެރިވެވޭ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ހުނަރުތައް ތަރައްޤީކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް އިލްތިމާސްކުރާކަމެއް ފަތުރިވެރިކަމުގެ ސިނާޢަތުގެ ހުރިހާ ދައިރާއެއްގެ މުވައްޒަފުންނަކީ، މެދުކެނޑުމެއްނެތި ތަމްރީނު ކުރެވޭ ބަޔަކަށް ހެދުމަށް. އެހެންވީމަ އެކަންތައްތަކަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭނަން. އެއީ އަޅުގަނޑުމެންގެ ބޭނުމެއް ވީހާވެސް ގިނަ ދިވެހި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ސަފުގައި ތިބުން. " ވަޒީރު ތާރިޤު ވިދާޅުވިއެވެ.
2024 ވަނަ އަހަރު އާންމުކޮށްފައިވާ ޓޫރިޒަމް ސްޓެޓިސްޓިކް ސަރވޭ ދައްކާގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި 55،874 މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ ތެރެއިން %41 އަކީ ދިވެހިން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.