ހައި ޖަމްޕްގެ ގައުމީ ރިކޯޑު ޔޫސުފް ނާއިކް ވަޖީހު މުގުރާލައިފިއެވެ. އޭނާ މި ރިކޯޑު ގާއިމުކުރީ މިހާރު ކުރިއަށްދާ 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ހުކުރު ދުވަހު ހަވީރު އޮތް އިވެންޓުގައި ވާދަކޮށްގެންނެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ނާއިކް ހައި ޖަމްޕްގެ ގައުމީ ރިކޯޑު ހެދީ 1.88 މީޓަރަށް ފުންމައިގެން ކަމަށެވެ. ކުރިން މި ރިކޯޑު އޮންނަނީ އަޙްމަދު ޒަބީރުގެ އަތުގައެވެ. އޭނާ މި ރިކޯޑު ގާއިމު ކުރީ 1.85 މީޓަރަށް ފުންމައިގެންނެވެ.
ނާއިކް ވަނީ މީގެ ކުރިންވެސް ހައި ޖަމްޕްގެ ދެ އިތުރު ރިކޯޑެއްވެސް ގާއިމުކޮށްފައެވެ.
އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި ނާއިކް 16 އަހަރުން މަތީގެ ފިރިހެން ކެޓެގަރީގެ ހައި ޖަމްޕް އިވެންޓުން އެއްވަނަ ހޯދިއިރު، 1.70 މީޓަރަށް ފުންމައިގެން ދެވަނަ ހޯދީ އީސާ ޖާހިޒް އަޖުހަދެވެ. ތިންވަނައަށް ދިޔައީ 1.70 މީޓަރަށް ފުންމައިގެން ލޫތު ބިން އަލީ ޝަރީފެވެ. ޖާހިޒަށް ކުރި ލިބުނީ ދެ ޕޮއިންޓުގެ ތަފާތުންނެވެ. އޭނާއަށް 8 ޕޮއިންޓް ލިބުނުއިރު ލޫތަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. އެއްވަނަ ހޯދި ނާއިކަށް ލިބުނީ 10 ޕޮއިންޓެވެ.