ގއ. ކޮނޑޭ ފުޓްސަލް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ފުޓްބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތައް ތަރައްގީޤީކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކޮނޑޭ ފުޓްސަލް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިޔަށްދާއިރު ކޮނޑޭ ކައުންސިލުން ބުނީ އެކަމަށް ފައިސާ ހަމަޖައްސަވާ ދެއްވީ ކުޅިވަރާ ބެހޭ ވުޒާރާއިން ކަމަށެވެ.
ކޮނޑޭ ކައުންސިލުން ބުނީ ޓާފް އެޅޭގޮތް ހަމަޖެހުނީ ކޮނޑޭ ފުޓްސަލް ދަނޑު ވަރަށް ބޮޑަށް ވީރާނާވަމުންދާތީ ދަނޑު މަރާމާތުކޮށް ޓާފް އެޅޭނެ ގޮތެއް ހަމަޖައްސަވާދެއްވުމަށް ސްޕޯޓްސް މިނިސްޓްރީގައި އެދިގެންކަމަށެވެ. ކޮނޑޭ ކައުންސިލުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދޭ ގޮތުގައި މިއީ ސަރުކާރުން 62 ހާސް ހަތްސަތޭކަ ނުވަދިހަ އެއް ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. ފާއިތުވި އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ކޮނޑޭ ފުޓްސަލްދަނޑަށް ބޭނުންވާ ޓާފް ކުޅިވަރު ވުޒާރާއިން ވަނީ އެރަށަށް ފޮނުވާފައެވެ.
ކޮނޑޭ ފުޓްސަލް ދަނޑު މަރާމާތު ކޮށްދޭނެ ދޭނެ ފަރާތެއް ހޯދަން ކައުންސިލުން އިއުލާނުކުރީ ފެބުރުއަރީ މަހުގެތެރޭގައެވެ. ސަރުކާރުން ބޮޑު ހޭދައެއް ކުރައްވައިގެން 611 މީހުންގެ އާބާދީއެއް އޮންނަ ކޮނޑޭ ފުޓްސަލްދަނޑުގައި ޓާފް އަޅާއިރު އެ ދަނޑުގެ ބޮޑު މިނަކީ 40 މީޓަރު 20 މީޓަރެވެ. އެރަށު ކައުންސިލުން ވިދާޅުވީ ޓާފް އެޅުމަށް ބޭނުންވާ ކަންކަން ހަމަޖައްސަވާދެއްވާ ކުޅިވަރު ވުޒާރާއި އެ ރަށަށް ޓާފް ފޮނުވީ 8 އޭޕްރީލްގައި ކަމަށެވެ.
ކޮނޑޭގެ ޒުވާނުންނާއި އެކި އުމުރުފުރާގެ މީހުންނަށް ބޭނުންކުރެވޭހެން ފުޓްސަލްދަނޑު މަރާމާތުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ފުރިހަމަ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ.
ކޮނޑޭ ކައުންސިލު އެކުލަވާލާފައިވާ އުސޫލުގެ ދަށުން އެ ފުޓްސަލް ދަނޑު ބޭނުން ކުރެވެނީ ކޮނޑޭގެ ކުޅިވަރު ޖަމްއިއްޔާތަކާއި ކައުންސިލާއި ސުކޫލުން އިންތިޒާމުކުރާ ފުޓްސަލް އަދި ހޭންޑް ބޯލް މުބާރާތްތަކާއި އެހެންރަށްރަށުގެ ޒުވާނުންގެ މެދުގައި ކުޅޭ ވާދަވެރި މެޗުތަކާއި ކޮނޑޭގެ ދެ ޖިންސުގެ ޒުވާނުން ދުޅަހެޔޮ ސިއްހަތެއްހައި ތިބުމަށް ރާވާ އެކި އެކި ހަރަކާތްތަކަށެވެ.
މި ފުޓްސަލް ދަނޑު ބޭނުންކުރުމަށް ދެ ޖިންސްގެ މީހުންނަށް ހާއްސަ ވަކި ވަކި ގަޑިތަކެއްވެސް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. ކޮނޑޭ ފުޓްސަލް ދަނޑު ތަރައްޤީކޮށްފައިވަނީ ދުވާލާއި ރޭގަނޑުވެސް ދަނޑު ބޭނުންކުރެވޭ ގޮތަށް ލައިޓް ދިއްލޭ ގޮތަށެވެ.
ފާއިތު ސަރުކާރުން މަސައްކަތް ފައްޓާ އެކި ސަބަބުތަކާއި ހުރެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ އެތައް ކުޅިވަރު މަޝްރޫއެއް މި ސަރުކާރުން ވަނީ އަލުން ފަށާފައެވެ. އެ މަޝްރޫއުތަކަށް ފައިސާ ހަމަޖައްސާ ސަރުކާރު ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކާއި ހަވާލުކޮށްގެން މަޝްރޫއުތައް އަވަސްކޮށް އެރަށްރަށުގެ ރައްޔިތުންނަށް ކުޅިވަރު ވަސީލަތްތައް ވީހާވެސް އަވަހަކަށް ބޭނުންކުރެވޭވަރު ކުރުމަށް ކުޅިވަރު ވުޒާރާއިން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.