ޚަބަރު

އަލިފާނުގެ ޙާދިސާގައި ފިހުނު ދެމީހުންގެ އާއިލާގެ މީހުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި


  • މިހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަދުވަހުގެ ރޭ

  • ދެމީހުންނަށްވެސް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވޭ

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ދެމީހުންގެ އާއިލާގެ މީހުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ބައްދަލުކުރައްވައިފިއެވެ.

އއ. ރަސްދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކު ފިހިފައިވަނީ މިދިޔަ ހޯމަދުވަހުގެ ރެއެވެ. އެ ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ވެފައިވަނީ 31 އަހަރުގެ ފިރިހެނަކާއި އަންހެނަކަށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެއީ ދެމަފިރިންނެވެ.

އަލިފާނުގެ ހާދިސާގައި މި ދެމީހުންނަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. އަނިޔަވި ދެ މީހުންގެ ހާލަތު ބެލުމަށާއި އެމީހުންގެ އާޢިލާގެ މެންބަރުންނާ ބައްދަލުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވަނީ މިއަދު އައިޖީއެމްއެޗަށް ވަޑައިގެންފައެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، އެ ދެމީހުންގެ ގައިގެ ވަރަށް ބޮޑު ބައެއް ފިހިފައިވާކަމަށާއި، ހާލު ސީރިއަސްކަމަށެވެ. އަދި އެމީހުން ސަލާމަތްވާނެ ކަމުގެ އުންމީދު ނެތް ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މިހާދިސާ ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.