ކޮމަންވެލްތާ ގުޅިގެން ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯޅަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ. 
ރާއްޖޭގައި މުޅިން އަލަށް ބޭއްވުމަށް މަސައްކަތް ކުރާ ހޭންޑްބޯލްގެ ބައިނަލްއަގްވާމީ މުބާރާތާއި ގުޅޭ ގޮތުން "ޕީއެސްއެމް ނިއުސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މުޖުތަބާ ވިދާޅުވީ މިހާރު ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު މަހުގެތެރޭގައި މި މުބާރާތް ބޭއްވުމަށް ކަމަށާއި މުބާރާތް ބާއްވާނީ ހދ. ކުޅުދުއްފުށި ސިޓީގައި ކަމަށެވެ. 
"ކޮމަންވެލްތުގެ ސެކްރެޓޭރިއަޓަށް މިހާރު ވާނީ ދަންނަވާފަ. އެކޮޅުން އެއްބަސްވެފައި އޮތީ ރާއްޖޭގައި ބާއްވަންވެސް އެބޭފުޅުންވެސް ވަރަށް ގަބޫލު" ކަމަށް މުޖުތަބާ ވިދާޅުވިއެވެ. 
ކުޅުދުއްފުށީ ސިޓީގައި މި މުބާރާތް ބޭއްވުމަށް އިތުރު ދެ ދަނޑު އެޅުމުގެ މަސައްކަތްވެސް ކައުންސިލުން ކުރިޔަށް ގެންދަވާ ކަމަށާއި މިކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ކުޅުދުއްފުށިން ލިބޭ ކަމަށް މުޖުތަބާ ފާހަގަ ކުރެއްވިއެވެ. 
"މިއީ ކޮމަންވެލްތްގެ ގައުމުތަކުގެ މެދުގައި ބާއްވާ މުބާރާތެއް. އެހެންނަމަވެސް އަޅުގަނޑުމެން މުބާރާތް ރާވާފައި މިއޮތީ އެހާ ގިނަ ގައުމުތަކެއް އެއް ފަހަރާ ބައިވެރިކުރާގޮތަކަށް ނޫން. އަޅުގަނޑުމެންގެ ވިސްނުން އޮތީ ގިނަވެގެން 12 ވަރަކަށް ޓީމު މަދުވެގެން 6 ޓީމުގެ މެދުގައި މި މުބާރާތް ބާއްވަން" ކަމަށް މުޖުތަބާ ވިދާޅުވިއެވެ. 
ކުޅުދުއްފުށީގައި މި މުބާރާތް ބާއްވަނީ އެކޮމޮޑޭޝަންގެ ލުއިކަމެއް ލިބޭތީ ކަމަށާއި މުބާރާތް ބޭއްވުމުގައި ކޮމަންވެލްތުން ބަލާ މިންގަނޑުތަކެއް ހުރިކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެ މިންގަނޑުތަކުގެ ތެރޭގައި ބޮލަކަށް 40 ޑޮލަރުން ހުރުމާއި ކެއުން ހަމަޖެހެން ޖެހެއެވެ. 
		
										
			ރާއްޖެއަކީ ޓުއަރިޒަމް ޑެސްޓިނޭޝަނަކަށްވާއިރު މާލެ އާއި މާލެ ސަރަހައްދުގެ ރަށްތަކުގެ އަގުތައް އުޅެނީ ތަންކޮޅެއް މަތީގައި ކަމަށް މުޖުތަބާ ވިދާޅުވިއެވެ. އެހެންނަމަވެސް ކޮމަންވެލުތުގެ ގައިޑްލައިންގައި ބުނާ އަގަށް ފެތޭގޮތަށް ކުޅުދުއްފުށިން އެކަން ވަރަށް ރަނގަޅަށް ހަމަޖައްސައިދެއްވާ ކަމަށް ވިދާޅުވިއެވެ. 
މުބާރާތް ބޭއްވުމުގައި އެންމެ ރަނގަޅު އެއްތަނަކީވެސް ކުޅުދުއްފުށި ކަމަށާއި މިހާރުވެސް ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް އެރަށުގައި އިންތިޒާމުތައް ހަމަޖައްސައިދީފައިވާކަން މުޖުތަބާ ފާހަގަ ކުރެއްވިއެވެ. 
ބީޗް ހޭންޑްބޯޅަ ކޯޓުތައް ހިމެނޭ ސަރަހައްދުގައި ގާއިމުކުރަންޖެހޭ ޗޭންޖިން ރޫމާއި އެހެނިހެން ކަންކަންވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންނަނީ ހަމަޖައްސައިދެމުންނެވެ.
މުޖުތަބާ ވިދާޅުވީ ކޮމަންވެލްތުން ލިބެން ޖެހޭ ރަސްމީ ސިޓީ ލިބުމުން މުބާރާތް އޮންނަ ތާރީހު ޔަގީންވެގެންދާނެ ކަމަށެވެ. އަދި މެޗުތައް ކުޅޭނީ ރޭގަނޑު ކަމަށާއި ދެ ދަނޑެއްގައި އެއް ފަހަރާއި ދެ މެޗު ކުޅެވޭ ކަހަލަ ގޮތަކަށް ރޭވިގެންދާނެ ކަމަށް ވިދާޅުވިއެވެ. 
ރާއްޖޭގެ ގައުމީ ޓީމުން މިހާރު ފަރިތަކުރަމުން އަންނަނީ މޭ މަހުގެ 5 ން 10 އަށް އޮމާންގައި ބާއްވާ 10 ވަނަ އޭޝިއަން ޗެމްޕިއަންޝިޕަށެވެ. 
ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމުން އޭޝިއަން ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަނީ ޕާކިސްތާންގެ ތަޖުރިބާކާރު ކޯޗު އާސިމް ރާޝިދުގެ އިރުޝާދުގެ ދަށުން ކުޅުދުއްފުށީގައެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުޅުންތެރިންނެވެ.