މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން 6 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު އަހަރީ ކަލަންޑަރު ފާސްކޮށްފިއެވެ. 
އެ އެސޯސިއޭޝަނުން މިއަހަރަށް ކަނޑައެޅި ބަޖެޓުކަމަށްވާ 6،488،673.32 (ހަ މިލިއަން ހަތަރުލައްކަ އައްޑިހަ އަށްހާސް ހަސަތޭކަ ހަތްދިހަ ތިން ރުފިޔާ ތިރީސް ދެ ލާރި) އާއި މިއަހަރަށް ރާވާފައިވާ ކަންކަން ތަރުތީބުކުރެވިފައިވާ ކަލަންޑަރު ފާސްކުރީ އާދިއްތަ ދުވަހުގެރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައެވެ. 
އެމްބީއޭގެ ނައިބު ރައީސް އަލީ އިބްރާހިމް ވިދާޅުވީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުން ފެށިގެން ނުދެއްކި ހުރި ފައިސާގެ ސަބަބުން އެ އެސޯސިއޭޝަނަށް މާލީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. 
އަދި 2024 ވަނަ އަހަރަށް ޚަރަދު ބެލެހެއްޓުން ހަރުދަނާކޮށްފައިވާނެ ކަމަށާއި، އެހެންނަމަވެސް ނުދެއްކި ހުރި ފައިސާގެ ސަބަބުން ހިނގަމުންދާ އަހަރަށް އިވެންޓްތައް އިންތިޒާމްކުރުމުގައި އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. 
ހެންވޭރު ބޯޅަގޭ ސެމިނާރ ރޫމުގައި ކާމިޔާބުކަމާއެކު އޭޖީއެމް ބޭއްވީ ވޯޓުލެވޭ މެންބަރުންގެ ތެރެއިން 10 މެންބަރުންނާއި އެކު ކޯރަމް ހަމަވެ، އޮބްޒާވަރުންގެ ގޮތުގައި ނޭޝަނަލް ސްޕޯޓްސް ކައުންސިލުންނާއި ކޮމިޝަނަރ އޮފް ސްޕޯޓްސް ގެ ހާޒިރުގައެވެ. 
		
					
									
			
އެމްބީބީއޭގެ ރައީސް ހުސައިން ނިޒާމް ރިޔާސަތު ބަލެހެއްޓެވި މި ޖަލްސާގައި ނިޒާމް ހުށަހެޅުއްވި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގެ ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ. 
ފާއިތުވި އަހަރަކީ މާލީ ގޮންޖެހުންތައް ބޮޑު އަހަރެއް ނަމަވެސް އެމްބީއޭއިން ވަނީ އެ އެސޯސިއޭޝަނުގެ ހުރިހާ ޕާޓްނަރުންނާއި ސްޕޮންސަރުންނާއި އެތުލީޓުންނާއި، އަދި އޮފިޝަލުންނަށް މުޅި އަހަރު ދުވަހު ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. 
 
އަހަރީ އާންމު ޖަލްސާގައި ނިންމި މުހިންމު ނިންމުންތަކުގެ ތެރޭގައި ގައުމީ ޓީމުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލު އިއުލާން ކުރިއެވެ. އެއީ ޖޫނިއާ އެތުލީޓުންނަށް މިއަހަރުން ފެށިގެން ސީނިއާ ޓީމަށް ގުޅުމަށް މިހާރު ޝަރުތު ހަމަވާނެ ކަމަށް ކަނޑައެޅުމެވެ. 
މެންބަރުންގެ ހިޔާލަށް ހުޅުވާލުމުން ހުދުފޮނު ޕްރޮގްރާމަކީ ޒުވާން އެތްލީޓުންގެ މުސްތަގުބަލަށް އަދި ބޮޑީބޯޑަރުންގެ ކުރިއެރުމަށް ވަރަށް މުހިންމު ޕްރޮގްރާމެއްކަމަށް ގައުމީ ޓީމުގެ ބައެއް ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.