ކުޅުދުއްފުށީގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 8 ގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ހޯދައިފިއެވެ. 
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީ ޕޮލިހުން މިއަދު ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން ކޯޓު އަމުރެއްގެ ދަށުން އެ ސިޓީގެ 10 ގެއެއް ބަލައިފާސްކޮށްފައިވާކަމަށެވެ. 
މީގެ ތެރެއިން 8 ގެޔަކުން ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި، ފޮތާއި، ސިހުރު ހެދުމަށް ބޭނުންކުރާ އެކި ކަހަލަ އާލާތްތައް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރިކަމުގެ މަޢުލޫމާތު އަދި ލިބިފައެއްނުވެއެވެ. 
ފުލުހުން އަންނަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.