ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 12 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ހުޅުމާލޭގައި ކުރިޔަށް އެބަދެއެވެ. 
ފެބުރުއަރީ 18 ގައި ފެށި މި މުބާރާތުގެ ކުޅުން ކުރިޔަށްދަނީ ހުޅުމާލޭ ކުޅިވަރު އެކުވެނީގައި ހުންނަ ކެރަމް އެރީނާގައެވެ. 
އަންހެން އަދި ފިރިހެން ޖޫނިއާ އަދި ސީނިއާ ޑިވިޝަން ހިމެނޭ މި މުބާރާތުގައި މިއަހަރު ޖޫނިއާ އަންހެން އަދި ފިރިހެން ސިންގަލްސް ހިމަނާފައިވަނީ މުޅިން އަލަށެވެ. 
ޖޫނިއާބައި ބަހާލާފައިވަނީ ދެ ސަބް ޑިވިޝަނަކަށެވެ. އެއީ 15 އަހަރުން ދަށާއި 19 އަހަރުން ދަށެވެ. މުބާރާތުގައި ފުރަތަމަ ކުރިޔަށް ދިޔައީ ޖޫނިއާ އަންހެން އަދި ފިރިހެން ޑަބަލްސް މެޗުތަކެވެ.
 
ރޭ ކުޅެފައިވަނީ 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ސިންގަލްސް މެޗުތަކެވެ. މި ބައިގެ މެޗުތައް ކުޅެފައިވަނީ 8 ބޯޑުގެ އެއް ސެޓަށެވެ. 
ޖޫނިއާ ޑިވިޝަނުގެ އަންހެން ފިރިހެން ސިންގަލްސް އަދި އަންހެން ފިރިހެން ޑަބަލްސް އިވެންޓް ކުރިޔަށްދާނީ ނޮކްއައުޓް އުސޫލުންނެވެ. 
ސީނިއާ ޑިވިޝަނުގެ އޯޕަން ސިންގަލްސް އިވެންޓް ކުރިޔަށްދާނީ ނޮކްއައުޓް އުސޫލުންނެވެ. ފިރިހެން އަދި އަންހެން ސިންގަލް އިވެންޓް ކުރިޔަށްދާނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. 
މި މުބާރާތުގެ ސީނިއާ ކެޓެގަރީގެ ކުޅުން ފަށާނީ ހުކުރު ދުވަހެވެ. 
އެންމެފަހުން ބޭއްވި އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ގައުމީ ޓީމުގައި ހިމެނޭ އިސްމާއިލް އަޒްމީން އާއި އައިމިނަތު ވިދާދެވެ.