ޚަބަރު

މިފްކޯއަށް މިދިޔަ ހަފްތާގައި 379 މަސްދޯންޏަކުން 2041 ޓަނުގެ މަސްކިރުވި


  • މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 28.4 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފަ

  • މިހާތަނަށް 488 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފަ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއަށް މިދިޔަ ހަފްތާގައި 379 މަސްދޯންޏަކުން 2041 ޓަނުގެ މަސް ކިރުވާފައިވާކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މަހަށް ނިކުތް ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް 378 މަސްދޯންޏަކުން މަސް ކިރުވާފައިވާއިރު، އޭގެ ކުރީ ހަފްތާގައި 361 ދޯންޏަކުން މަސްކިރުވާފައިވެއެވެ. އެހެންކަމުން މިއީ %4.7 އިތުރު އަދަދެކެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މަސްކިރުވާފައިވާ ދޯނިތަކުގެ އަދަދު އިތުރުވިކަމުގައިވީނަމަވެސް މިފްކޯއަށް ކިރުވާފައިވާ މަހުގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް 2041 ޓަނުގެ މަސްކިރުވާފައިވާއިރު، އޭގެ ކުރީ ހަފްތާގައި 2103 ޓަޓުގެ މަސް ވަނީ ކިރުވާފައެވެ.

މިއާއެކު، އޭގެ ކުރީ ހަފްތާއާއި އަޅައި ބަލާއިރު މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 28.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް 28.6 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހުން ފެށިގެން މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. އެގޮތުން އެ ދުވަހުން ފެށިގެން މިހާތަނަށް 488 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަސްވެރިން ބާނާ މަހަށް ދުވަހަށް ދުވަހުން ފައިސާ ދޭން ފެށުމުން އޭގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް ވިދާޅުވެފައެވެ.

އެގޮތުން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެ މަސްވެރިކަމަށް އިތުރު އާރޯކަމެއް ލިބިގެންދިޔަކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރިންކަމުގެ ސިނާއަތަށް އިންވެސްޓްކުރާ ފަރާތްތައް އިތުރުވެ، އަމިއްލަ ފަރާތްތަކުގެ އިތުރުން ފަޅުވެރިންވެސް އިތުރު ދޯނިތަކެއް ބަންނަން ފަށައިފައިވާކަމަށް ރައިސް ވިދާޅުވިއެވެ. ހަމަމިއާއެކު، މަސްދޯނިތަކުން ފާބައިގެން ދިޔަ މީހުން އަލުން އަނބުރާ މަސްދޯނިތަކަށް އައިސްފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުރިއަށްއޮތްތާގަވެސް ހަމަމިގޮތަށް މަސްވެރިންނަށް ފައިސާ ދޫކުރެވިގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.