ޚަބަރު

ޣައްޒާގެ އުތުރަށް ޔަހޫދީން ދެމުންދާ ޙަމަލާތައް އަނެއްކާވެސް ވަރުގަދަ ކޮށްފި


ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް އަނެއްކާވެސް ވަރުގަދަ ކޮށްފިއެވެ.

ނިރުބަވެރި ޔަހޫދީންގެ ޙަމަލާތައް އެންމެ ފަހުން އަމާޒު ކޮށްފައި ވަނީ ޣައްޒާ ސިޓީގެ އަވަށެއް ކަމަށްވާ އަލް-ޝުޖާޢިއްޔާއަށެވެ. އެ ޙަމަލާގައި ފަލަޞްޠީނުގެ އަށް މީހުން ޝަހީދު ކޮށްލައިފައިވާ ކަމަށް އެ ސަރަޙައްދުގެ ކުއްލި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބުނެއެވެ. އަލް-ޝުޖާޢިއްޔާގެ އިތުރުން ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް-ބުރީޖަށް ވެސް ޔަހޫދީން ވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާގައި ދެ މީހުން ވަނީ ޝަހީދު ވެފައެވެ. އަދި ޖަބާލިޔާއަށް ދިން ވައިގެ ޙަމަލާގައި 15 މީހުން ވަނީ ޝަހީދު ވެފައެވެ.

ޔަހޫދީ ނިވެރުބަވެރި ފައުޖުން ވަނީ ބައިތު ޙާނޫނާއި ޖަބާލިޔާއާއި ބައިތު ލާހިޔާ ސަރަޙައްދު އެއްކޮށް ސުންނާފަތިކޮށް އެ ތަންތަނުގައި ދިރި ނޫޅެވޭވަރު ކޮށްފައެވެ. ބެލެވޭ ގޮތުގައި ޔަހޫދީންގެ ރޭވުމަކީ ހަނގުރާމައިގެ ޙާލަތު ނިމުމުން އެ ސަރަޙައްދު ބަފަރު ޒޯނެއްގެ ގޮތުގައި ބޭނުން ކުރުމެވެ.

ފަލަޞްޠީނާއި އދގެ އިސްވެރިން ތަކުރާރުކޮށް ބުނަމުން ދަނީ ޣައްޒާގައި ރައްކާތެރި އެއްވެސް ސަރަޙައްދެއް ނެތް ކަމަށެވެ. އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް އިރުއިރުކޮޅާ މީހުން ބަދަލުކުރަން ޖެހުމުން ޢާންމުންގެ އިންސާނީ ޙާލަތު ވެސް ވަރަށް ބޮޑަށް ގޯސްވަފައިވާ ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

ފަލަޞްޠީނުގެ މަދަނީ ދިފާޢުން ބުނީ ފާއިތުވި ދެ ދުވަހު ކުރި ބޯ ވިއްސާރައިގައި ޣައްޒާގެ އެކި ސަރަޙައްދުތަކުން 1,500އަށްވުރެ ގިނަ ފޭލިގެއަށް ފެންވަދެ ޢާންމުންގެ މިލްކިއްޔާތުގައި ހުރި މަދު ތަކެތި ހަލާކުވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެ ފޭލިގެ ތަކުގައި ދިރިއުޅޭ ޣައްޒާގެ ޙާލުގައި ޖެހިފައިވާ އާބާދީތައް ގަދަ ފިންޏަށް ހުށަހެޅިފައިވާ ކަމަށް ވެސް މަދަނީ ދިފާއުން ބުނެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ މީގެ 13 މަސް ކުރިންނެވެ. އެ ޤަތުލުޢާންމުގެ ދަށުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 45,500އަށްވުރެ މައްޗަށް އުފުލިފައިވާއިރު، ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޢާންމުންގެ ގެދޮރާއި ރެފިއުޖީ ކޭމްޕުތަކަށެވެ. އަދި، ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށެވެ. އަދި، ވަގުތީ ހިޔާވަހިކަން ހޯދުމަށް ޣައްޒާގެ ނިކަމެތީން ބޭނުން ކުރަމުންދާ މަދަރުސާތަކާއި މިސްކިތްތަކަށެވެ. ފާއިތުވި ދުވަސްކޮޅުގެ ތެރޭގައި ޔަހޫދީ އިސްތިޢުމާރީ ފައުޖުން ވަނީ ޣައްޒާގެ ކޮޅަށް ހުރި ހަސްފަތާލުތަކަށް ވަކިން ޚާއްޞަކޮށް ޙަމަލާ ދޭން ފަށައިފައެވެ.