ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި 5 މީހަކު ހައްޔަރުކޮށްފިއެވެ. 
މި މީހުން ޙައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. 
އެގޮތުން އެތަންތަން ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފުލުހުން ވިދާޅުވީ އެތަކެތީގެ ބަރުދަނަކީ 86.26 ގްރާމްކަމަށެވެ. އޭގެ އިތުރުން 293،000 ދިވެހި ރުފިޔާއާއި، ޑޮލަރާއި، ޔޫރޯ ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. 
މި އޮޕަރެޝަންގައި އަންހެނަކާއި 4 ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. މި 5 މީހުންގެ އިތުރުންވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކޮށްފައިވެއެވެ.
		
			1-  ހުސެއިން އީސާ ފުޅު (48އ)، ޅ. ހިންނަވަރު / އަގީދުގެ
2- އަޙްމަދު މުޙައްމަދު (36އ)، ޅ. ހިންނަވަރު / މިދިލިމާގެ
3- ޑޭޒީހިޔާ، ޢަބްދުﷲ ޒަކަރިއްޔާ (46އ)، ޅ. ނައިފަރު / ޑޭޒީހިޔާ
4- މުޙައްމަދު އިރުޝާދު (35އ)، ޅ. ހިންނަވަރު / ފެހިގެ
5- ފާޠިމަތު ރީމާ (44އ)، އދ. މަހިބަދޫ / ކުޅިބަލާގެ
		
			
މި 5 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅު އަދި އަޙްމަދު މުޙައްމަދުގެ ބަންދަށް  7 ދުވަސް ވަނީ ޖަހާފައެވެ. އަދި ޢަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާޠިމަތުު ރީމާ 12 ދުވަހަށް އަދި މުޙައްމަދު އިރުޝާދު 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.