ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ "ޤައުމީ ލަވަ އަލްބަމް" މިއަދު ނެރެފިއެވެ.
ޖުމްލަ 6 ލަވަ ހިމެނޭ މިއަހަރުގެ ޤައުމީ ލަވަ އަލްބަމް ޚާއްޞަ ކޮށްފައިވަނީ "ދިވެހީން" މި ތީމަށެވެ. މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅާދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ޒުވާން ލަވަކިޔުންތެރިންނެވެ.
މިފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދަވައިދެއްވީ އާދަމް ނަޞީރު އިބްރާހީމް، ޢަބްދުއްރަހީމް ޢަބްދުﷲ، ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު، އާދަމް ޢަބްދުއްރަޙްމާން، އިއްޒަތު އަޙުމަދު ނިޒާރު، އަދި ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސައީދުއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫހާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތައް ހިމެނޭނެކަމަށެވެ. އެގޮތުން މިއަލްބަމްގެ ލަވަތަކުގައި ރާއްޖޭގެ ރީތިކަމާއި، ޖަޒީރާވަންތަކަމާއި، ޤައުމިއްޔަތު ސިފަކޮށްދޭ ލަވަތައް ހިމަނާފައިވާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިއަލްބަމްގެ ރާގު ހައްދަވާފައިވާ ފަރާތްތަކުގެ ތެރޭގައި ކާނަލް ޢަލި މަނިކު، ވޮރަންޓް އޮފިސަރ 2 ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ އިލްހާމް އިބްރާހީމް، ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިން، ސްޓާފް ސާޖަންޓް އިބްރާހީމް އާސިފް އަދި ލާންސް ކޯޕްރަލް މޫސާ ކަލީމް ހިމެނެއެވެ.
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ނެރުނު އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލްއަށް ވަނީ އަޕްލޯޑުކޮށްފައެވެ. އަދި އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.
މި އަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއިންނެވެ.
އެމްއެންޑީއެފުން ދަނީ 2002 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް ޤައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ. އަދި، އެމްއެންޑީއެފުން ނެރޭ ޤައުމީ ލަވަތަކަކީ، އާންމުންގެ ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ލަވަތަކެކެވެ.