 
										
			ވައިގެމަގުން އެއްފަހަރާ އެތެރެކުރި ރެކޯޑް ޢަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. 15 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތީ މިމަހުގެ 27ވަނަ ދުވަހުއެވެ. އެއީ މިއަހަރުގެ މިހާތަނަށް ވައިގެ މަގުން އެއްފަހަރާ ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަން އެންމެ ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗެވެ. 
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު އެމިރޭޓްސްގެ ފްލައިޓުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 15.38 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ. އެތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަސްޓަމްސްގެ ހެޑް އޮފް އިންޓެލިޖެންސް މުހައްމަދު އަފްޒަލް ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ އުމުރުން 44 އަހަރުގެ މެލެޝިޔާ ރައްޔިތެއްގެ ކަމަށެވެ. އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 12.3 މިލިޔަން ރުފިޔާކަމަށް އޭނާ ވިދާޅުވިއެވެ. 
		
 
										
			އެމީހާ ވަނީ ދަތުރުކުރާ މަގު ކަސްޓަމްސްއަށް އޮޅުވާލުމަށް މަސައްކަތް ކޮށްފައިކަމަށާއި، އޭނާ ބަލާ ފާސްކުރުމުގެ ތެރޭގައި އެމީހާގެ އަތުން ފޭކް ޓިކެޓެއް ފެނިފައިވާ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.
 
އޭނާ ރާއްޖެއައީ ބެންކޮކުން ދުބާއީއަށް ގޮސް، ދުބާއީން ރާއްޖެއަށެވެ. އޭނާގެ ދަތުރު ހަމަޖެހިފައި އޮތީ ރާއްޖޭގައި މަޑުކުރުމަށްފަހު މެލޭޝިއާއަށް އަނބުރާ ދާ ގޮތަށްކަން ކަސްޓަމްސްއިން ފާހަގަކުރެއްވިއެވެ. 
"މިއީ ރާއްޖެއައި މެލޭޝިޔާ ފަސިންޖަރެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަތް ފުރަތަމަ ފަހަރު. ބަރުދަނުގެ ގޮތުން ބަލާއިރު އަތުލައިގަނެވުނު ބޮޑު ފުރަތަމަ ކޭސް މިއީ." އަފްޒަލް ވިދާޅުވިއެވެ. 
މި މައްސަލައާ ގުޅިގެން ހެޑް އޮފް ޑްރަގް ޓްރެފިކިންގ އެންޑް އިންވެސްޓިގޭޝަންސް ޗީފް އިންސްޕެކްޓަރ އަޙްމަދު ވަޙީދު ވިދާޅުވީ ފުލުހުން އެމީހާ ހައްޔަރުކުރުމާއި ގުޅިގެން، 27 ވަނަ ދުވަހުގެ ރޭ ޚާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށާއި، އެމީހާއާ ގުޅުން ހުރި 41 އަހަރުގެ މެލޭޝިޔާގެ އިތުރު ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. 
ހެޑް އޮފް ޑްރަގް ޓްރެފިކިންގ އެންޑް އިންވެސްޓިގޭޝަންސް ޗީފް އިންސްޕެކްޓަރ އަހްމަދު ވަހީދު މި މައްސަލާގައި އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން 4 ޤައުމެއްގެ މީހުން ބައިވެރިވާކަމަށް އޭނާ ވިދާޅުވިއެވެ. 
މެލެޝިޔާ ދެ ފިރިހެނުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން ހާޒިރުކުރުމުން އެ ދެމީހުންގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ.