 
										
			ސިޓީތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުން ގިންތިކުރާނެ ގޮތާއިގުޅޭގޮތުން ކަމާބެހޭ މުއައްސަސާތަކާއި މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފިއެވެ. ލާމަރުކަޒީ ނިޒާމުގެތެރެއިން މިހާރު  ކައުންސިލަރުން ގިންތިކޮށްފައެއް ނޯވެއެވެ. ވުމާއެކު ލާމަރުކަޒީ ކޮމިޓީން ވަނީ ކައުންސިލަރުންގެ ގިންތިތައް އެނގެން އޮންނަންޖެހޭ ކަމަށާއި އެކަން އެނގެން ނެތުމުން ވަރަށް ގިނަ މައްސަލަތައް ދިމާވާކަމަށް ވިދާޅުވެފައެވެ.
ކައުންސިލްތައް ގިންތި ކުރުމާމެދު ކަމާއިބެހޭ މުއައްސަސާތަކާއި މަޝްވަރާ ކުރެއްވުމަށް ކޮމިޓީގައި ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާންއެވެ. 
އައިފާންގެ ހުށަހެޅުމަށް ހުށަހެޅުމަށް ތާއީދުކުރައްވާ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހީމް ޝިފާޒް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން މުހިންމު އިސްލާހުތަކެއް ގެންނަން އުޅޭ ދަނޑިވަޅެއްގައި ޤާނޫނުގެ ތެރެއިން އެފަދައިން ހުރި ކަންތައްތައް ފުރިހަމަވެގެންދާނެ ގޮތަށް ކޮމިޓީން ސަރުކާރަށް ލަފާ ދިނުމަކީ އެކަންތައްތައް ހައްލުވެގެންދާނެ ކަމެއް ކަމަށެވެ.
މެމްބަރު އައިފާން ވިދާޅުވީ ސިޓީތަކުގައި އިންތިޚާބު ކުރާ މޭޔަރުންނާއި ކައުންސިލަރުންގެ އިތުރުން އަތޮޅު ރައީސުން އެ ބޭފުޅުންނަކީ ރައްޔިތުންގެ ވޯޓަކުން ވާދަވެރި އިންތިޚާބަކުން ހޮވިވަޑައިގެން އަންނަ ބައެއްކަމަށެވެ. 
ޤާނޫނުގައި އެފަދަ ބޭފުޅުންގެ ގިންތިތައް ބަޔާންކޮށްފައިނުވާ ކަމަށާއި ގިންތި ނުކޮށް ހުރުމުގެ ސަބަބުން ދައުލަތުން ދޭ ބައެއް އިނާޔަތްތައް ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމުގައި ހައްލު ހޯދުމަށް ކަމާބެހޭ މުއައްސަސާތަކުގެ ލަފައެއް ހޯދަންޖެހޭ ކަމަށް އައިފާން ވިދާޅުވިއެވެ. 
 
ކޮމިޓީގައި ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ ވިދާޅުވީ މުއައްސަސާތަކުން ގިންތި ކުރެއްވުމަށް ކުރައްވާ މަސައްކަތާއި ރާވާފައި ހުރި ކަންކަން ބެލުން މުހިންމު ކަމަށެވެ. 
ޤާނޫނަކުން ގިންތިތައް ކަނޑައެޅި، ކައުންސިލަރުންނަށް ލިބެންޖެހޭ މުސާރާ އާއި އިނާޔަތްތައް ކަނޑައެޅިފައި އޮންނަންޖެހޭ ކަމަށާއި، ކަމާގުޅޭ މުއައްސަސާތައް ހާޒިރު ކުރާއިރު ކައުންސިލްތައް ދަރަޖަ ކުރުމުގައި ހުރި މިންގަނޑުތައް ބަލަން ބޭނުންފުޅުވާކަމަށް ކޮމިޓީގައި މެމްބަރުން ވަނީ ވިދާޅުވެފައެވެ.