ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގައި އިތުރު ދެ ޗެކްޕޯސްޓް ޤާއިމުކޮށްފިއެވެ. މި ދެ ޗެކްޕޯސްޓް ޤާއިމްކުރީ ވީއައިއޭގެ ހުޅަނގާއި އިރުމަތީ ފަރާތުގައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ވިދާޅުވީ މި ދެ ޗެކް ޕޯސްޓާއެކު އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށެވެ. އަދި މިއީ ނުގަވާއިދުން މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
ޗެކް ޕޯސްޓްތައް ހުޅުވުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ޒަމާނީ ފެންވަރަށް ޤާއިމުކުރި މިޗެކް ޕޯސްޓްތަކުން އެއަރ ސައިޑަށް އަންނަ މީހުންނާއި ވަންނަ ހުރިހާ އުޅަނދު ފަހަރު އޭވިއޭޝަން ސެކިއުރިޓީން ވަރަށް ރަނގަޅަށް ބަލާނެ ކަމަށެވެ.
އަދި މި ދެ ޗެކް ޕޯސްޓުގެ ސަބަބުން ކަސްޓަމްސްއަށް ނުގަވާއިދުން މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަށް ފުރުސަތު ބޮޑުވާނެ ކަމަށް ވެސް އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.
"އެއަރ ސައިޑުން ލޭންޑް ސައިޑުން ނިކުންނަ މީހުން ވަރަށް ރަނގަޅަށް ޗެކްކުރެވި، ސްކޭންކޮށް، ކަސްޓަމްސްއިން ބައްލަވާނެ ވަރަކަށް ބައްލަވާ މިކަން ކުރުމުގެ ފުރުސަތު ފަހިވެގެންދިޔައީ" އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.
މިއީ އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން މަސްތުވާތަކެތި އެތެރެ ކުރުމުގެ ކަންތައްތައް ހުއްޓުވުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެއަރސައިޑަށް ވަންނަން ހުންނަ ޗެކްޕޯސްޓްތައް އިތުރު ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަން ފާހަގަކުރައްވާ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ އެއަރޕޯޓުގެ އެއަރސައިޑުގައި ކުރާ މަސައްކަތްތަކަށް ދަތިނުވާވަރަށް ތަންތަން ހުންނަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވިސްނުނު ގޮތުން ވެހިކަލާއި މީހުން ޗެކް ކުރުމަށް ދެ ތަނުގައި ދެ ޗެކްޕޯސްޓް ހުރުމުން މިހާރު މިއޮތް ދަތި ވަރަށް ބޮޑަށް ފިލައިގެންދާނެ. ޗެކް ޕޯސްޓްތައް ގާއިމުކޮށްފައިވަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު. ޑުއަލް މެޝިންތައް، ނުގަވާއިދުން އެތެރެކުރާ ތަކެތި ޑިޓެކްޓް ކުރާނެ މި މެޝިންތަކުން" އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.
އިބްރާހިމް ޝަރީފު މުހައްމަދު އިތުރަށް ވިދާޅުވީ މި ގާއިމުކުރެވުނު ދެ ޚިދުމަތާއެކު އެތެރޭގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ސްކޭން ކުރެވޭނެ އިތުރު ނިޒާމުތައް ޤާއިމުކުރެވިގެންދިޔަ ކަމަށެވެ.
އަދި އެއަރސައިޑުގައި ވަރަށް އަވަހަށް ލަގެޖް ބަލަހައްޓާ މެޝިނެއް ޤާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި އިތުރަށް ސްކޭން ކުރެވި، ފޮށިތައް ބަލެމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.