ޚަބަރު

އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން 2 ކުއްޖަކު ސީރިއަސް ހާލުގައި!


  • ހާދިސާ ހިނގީ މަގު ބައްތިއަކުން ފެންގަނޑަކަށް ކަރަންޓް ލީކުވެގެން

  • ކަރަންޓުގައި ޖެހުނީ 8 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ ކުއްޖަކު

ރ. އުނގޫފާރު މަގުމަތީގައި ކުޅެން އުޅުނު ކުދިންތަކެއް ކަރަންޓްގައި ޖެހި ހާލު ސީރިއަސްވެގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާގައި ހާލު ސީރިއަސްވެގެން ފަރުވާދެމުންދަނީ 3 ކުއްޖަކަށެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، މި ހާދިސާގައި ފަރުވާދެމުންދަނީ 8 އަހަރާއި 18 އަހަރުގެ ފިރެހެންކުއްޖަކަށާއި އަދި 12 އަހަރުގެ އަންހެން ކުއްޖަކަށްކަމަށެވެ. މީގެތެރެއިން 18 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސްކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިއަދު މެންދުރު މި ހާދިސާ ހިނގަން މެދުވެރިވީ މަގުމަތީގައި ހުރި މަގުބައްތިތަކުން، މަގުމަތީގައި އޮތް ފެންގަނޑަކަށް ކަރަންޓް ލީކުވެގެންކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ފުރަތަމަ ކަރަންޓް ޖެހުނީ 8 އަހަރުގެ ކުއްޖެކެވެ. އަދި އެ ކުއްޖާ ސަލާމަތްކުރަން އުޅުނު 18 އަހަރުގެ ކުއްޖަކުވެސް ވަނީ ކަރަންޓުގައި ޖެހިފައެވެ. މީގެއިތުރުން އެ މަންޒަރު ފެނުނު 12 އަހަރުގެ ކުއްޖާއަށް ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.