ޚަބަރު

މުދާ އުފުލާއިރު ވަޔާއެކު ވިއްސައިގެން ނުދާނެހެން އައްސާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފި


  • ފުލުހުން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ މޫސުން ގޯސްވެ، ވައިގަދަވުމާއި ގުޅިގެން

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން، ލޮރީއާއި ޕިކަޕު ފަދަ އުޅަނދުތަކުގައި، ޓިނާއި ފިލާފަދަ ތަކެތި އުފުލާއިރު އެތަކެތި ވަޔާވިއްސައިގެން ނުދާނޭހެން ރައްކާތެރިކަމާއެކު އައްސާފައި ބެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި ދުވަސްވަރަކީ ވައިގަދަ ދުވަސްވަރަކަށް ވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ލޮރީއާއި ޕިކަޕު ފަދަ އުޅަނދުތަކުގައި، ފަސޭހައިން ވަޔާދާނެ ފަދަ ޓިނާއި ފިލާފަދަ ތަކެތި އުފުލާއިރު އެ ތަކެތި ވަޔާވިއްސައިގެން ނުދާނޭހެން ރައްކާތެރިކަމާއެކު އައްސާފައި ބެހެއްޓުން މުހިއްމު ކަމަށެވެ. އަދި އުޅަނދަށް އަރުވާ ހުރިހާ ތަކެއްޗެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އެއްސުމަށް ބޭނުންކުރާ ތަކެއްޗަކީވެސް އެކަށީގެންވާ ވަރުގަދަ ތަކެތިކަން ޔަޤީންކުރުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.

މީގެއިތުރުން އޯވަރލޯޑް ނުކުރުމަށާއި، ރައްކާތެރިކަން ކަށަވަރުކުރުމަށް އުޅަނދުތަކުގެ ދުވެލި މަޑުކުރުމަށް އިސްކަން ދިނުމަށްވެސް ފުލުހުންވަނީ އެދިފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އުތުރާއި މެދު ރާއްޖެތެރޭގެ ސަރަޙައްދުގައި ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އާންމު ގޮތެއްގައި ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގައި ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑަތުތައް ގަދަވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެެއެވެ.