ޚަބަރު

މެޑިސިން ސްކޫލު ދަރިވަރުން އެދުނު ގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކިޔެވޭނެ ގޮތް ހަމަޖައްސަވައިފި


  • ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެކަމަށް ސަރުކާރުން ވިދާޅުވޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީގެ ސްކޫލް އޮފް މެޑިސިންގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށްގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އަންގަވައިފިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތަޢުލީމީ ކަންކަމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެކަމަށް އުފެދުނު ކަންބޮޑުވުންތަކަކާއި ގުޅިގެން، އެ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ވަނީ ރަޢީސުލްޖުމްހޫރިއްޔާއަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތީން، މިދިޔަމަހުގެ 26 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރުވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކުބައްދަލުވުމެއް ބާއްވަަވައިފައެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ދެއްވިކަމަށެވެ. އަދި ކިޔަވާ ކުދީންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގައި، އަދި ޞިއްޙީ ޚިދުމަތުގެ ޙާލަތު ރަނގަޅުކުރެއްވުމުގައި، ދައުލަތުގެ އާމުދަނީއާ ފުދުންތެރިކަމާ ޙާލަތު ތަންދިން މިންވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަން ދެއްވައެވެ.

މިގޮތުން، ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތަޢުލީމު ޙާޞިލްކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައްވެސް ކުރެވޭނެ ޚާއްޞަ ތަޢުލީމީ ބިނާއެއް ކުރުމަށް މިހާރުވެސް ދަނީ މަސައްކަތްކުރައްވަމުންނެވެ. އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބަލިމީހުންނަށް ޖާގައާއި އެނދު އިތުރުކޮށް، ޞިއްޙީ އައު ޚިދުމަތްތައް މި ދެ ހޮސްޕިޓަލުގައި ތަޢާރަފްކުރެއްވުމުގެ މަސައްކަތްވެސް ޖާގައާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ހަލުވިކަމާއެކު ކުރަމުންދާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެ ކުދީންގެ އުނގެނުމުގެ ކަންކަން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށްގެންދެވޭގޮތަށް ހަމަޖައްސަވައިދެއްވާފައިވާކަން ހާމަކުރެއްވުމަށް، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބައްދަލުކުރެއްވުމެއް ބާއްވާފައެވެ. ރައީސްގެ މި ނިންމެވުމުގެ ސަބަބުން، ކިޔަވާކުދީންގެ ކަންކަމުގައި، ޚާއްޞަކޮށް މަތީ ތަޢުލީމު އުނގެނޭކުދީންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ބޮޑު އިސްކަމެއް ދެއްވާކަން ކަށަވަރުވެއްޖެކަމުގައި ޤައުމީ ޔުނިވަރސިޓީއިން ވަނީ ފާހަގަކުރައްވައިފައެވެ.

އަދި އެ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން ވަނީ މަތީ ތަޢުލީމު އުނގެނޭ ދަރިވަރުންގެ އަޑު ރައީސުލްޖުމްހޫރިއްޔާ އައްސަވާނެކަމާ، ދަރިވަރުންގެ ހުށަހެޅުންތަކަށް އެންމެ ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވަން އިސްކަންދެއްވާނެކަމުގެ ޔަޤީންކަން އަބަދުވެސް އޮތްކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މި ނިމްމެވި ނިންމެވުމުގެ ސަބަބުން އެ ޔަގީންކަން އިތުރަށް ކަށަވަރުވެ، ފުރިހަމަ އިތުބާރަކާ ބޮޑު ހިތްވަރެއް ލިބިއްޖެކަމަށް ވިދާޅުވިއެވެ.