ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އެވޯޑް ރާއްޖެއިން ހާސިލުކުރުމަކީ ކޮންމެ ދިވެއްސަކުވެސް ފަހުރުވެރިވާނެ ކާމިޔާބީއެއްކަމަށް އެމްއެމްޕީއާރުސީގެ ބޯޑުގެ ޗެއަރޕާސަން އައިޝާ ނޫރްއައިން ޖަނާޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ކުރިއެރުވުމުގެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ބޯޑުގެ ޗެއަރޕާސަން ނޫރްއައިން މިހެން ވިދާޅުވެފައި މިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ޝަރަފުވެރި އެވޯޑްތަކެއް ރާއްޖެއިން ހޯދާފައިވާ ދަނޑިވަޅެއްގައެވެ.
އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމުގެ މަސައްކަތް ރަސްމީކޮށް ކުރިއަށްގެންދާ ސަރުކާރު ކުންފުނި ނުވަތަ ޓޫރިޒަމް ޕްރޮމޯޝަން ބޯޑެވެ. އެ ޒިންމާގެ ދަށުން އެމްއެމްޕީއާރުސީން ގެންދަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް ތަފާތު އެކި މަސައްކަތްތައް ކުރައްވަމުންނެވެ.
އެމްއެމްޕީއާރުސީން ރާއްޖެ ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެ މަސައްކަތް ކާމިޔާބުކަން ހާމަކޮށްދެނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ހޯދަމުންދާ ޝަރަފުވެރި އެވޯޑްތަކުންނެވެ.
ނިމިދިޔަ ހަފްތާގައި ދުބާއީގައި ބޭއްވި އެރޭބިއަން ޓްރެވެލް މާކެޓްގެ ތެރެއިން ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަންސް ކެޓަގަރީން އެވޯޑް ހާސިލުކުރި ފަރާތްތައް އިއުލާންކުރިއިރު، ރާއްޖެއިން ވަނީ އަނެއްކާވެސް ޝަރަފުވެރި އެވޯޑްތަކެއް ހޯދާފައެވެ. އެގޮތުން އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަންސް އަދި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއިން ހާސިލްކުރިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ދޭ އެވޯޑްތައް ރާއްޖެއަށް ކާމިޔާބުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ފަރާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޯޑުގެ ޗެއަރޕާސަން ނޫރްއައިން ވިދާޅުވީ އެވޯޑުތަކަށް ރާއްޖެއިން ނަންތައް ހުށަހެޅުމާއި ވޯޓު ހޯދުމަށް ކެމްޕެއިންތައް ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. އެގޮތުން އިންޑަސްޓްރީގެ އެކި ފަރާތްތަކާއި ގުޅިގެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ހިމެނޭ ގޮތަށް އެކި ޕްލެޓްފޯމްތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަކަން ނޫރައިން ފާހަގަކުރެއްވިއެެވެ.
ނޫރްއައިން ވިދާޅުވީ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ކެޓަގަރީން ހޯދި އެވޯޑަތަކަށްފަހު އެމްއެމްޕީއާރުސީން މިހާރު އެންމެ ބޮޑަށް އުއްމީދުކުރަމުންދަނީ މިއަހަރު ފަހުކޮޅު އިއުލާންކުރާ ވޯލްޑް ޓްރެވެލް އެވޯޑްސްގެ މުޅި ދުނިޔޭގެ ކެޓަގަރީތަކުން ޝަރަފުވެރި އެވޯޑްތަކެއް ހާސިލް ކުރުމަށްކަމަށެވެ.
ނޫރްއައިން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދަމުންދާ ޝަރަފުވެރި ކާމިޔާބީތަކުން ހާމަކޮށްދެނީ ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލްގެ ޝަރަފު ރާއްޖެއިން ދަމަހައްޓަމުންދާކަންކަމަށެވެ. އަދި ރާއްޖޭގެ ރީތިކަމުގެ އިތުރުން، ފަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި ރާއްޖެއިން އަދާކުރާ މެހެމާންދާރީގެ ފުރިހަމަކަންވެސް އެވޯޑަތަކުން ރަމްޒުކޮށްދޭކަމަށް ނޫރްއައިން ވިދާޅުވިއެވެ. މީގެއިތުރުން އެވޯޑަތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ކުރިއެރުވުމަށް އެމްއެމްޕީއާރުސީގެ ޓީމުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރެވިގެންދާކަމަށްވެސް ނޫރްއައިން ވިދާޅުވިއެވެ.
ރާއްޖެއިން މިއަހަރު އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަންސް އެވޯޑް ހާސިލުކޮށްފައިވާއިރު، މިދިޔަ 7 އަހަރު މި އެވޯޑް ހާސިލްކޮށްފައިވަނީ މަޑަގަސްކަރައިންނެވެ.
ނޫރްއައިން ވިދާޅުވީ މީގެކުރިން ހާސިލުކޮށްފައި ނުވާ އެވޯޑްތަކާއި ކާމިޔާބީތައް ހާސިލުކުރުމަކީ އެމްއެމްޕީއާރުސީގެ އަމާޒެއްކަމަށާއި މިފަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގެ ސަސްޓެއިނެބްލް ޑެސްޓިނޭޝަން އެވޯޑް ހާސިލުކުރެވުމަކީ ފަޚްރުވެރިކަމާއެކު ފާހަގަކުރާ ކާމިޔާބީއެއްކަމަށެވެ.
ނޫރްއައިން ވިދާޅުވީ ސަސްޓެއިނެބްލް ޑެސްޓިނޭޝަން އެވޯޑާމެދު ކޮންމެ ދިވެއްސަކުވެސް އުފާކޮށް ފަޚުރުވެރިވާންޖެހޭކަމަށާއި، އެއީ ސަސްޓެއިނެބިލިޓީ ނުވަތަ ދެމެހެއްޓެނިވި ޓޫރިޒަމާއި ނުލާ އަޅުގަނޑުމެން ފަޚްރުވެރިވާ ދިވެހިރާއްޖެ މިގޮތުގައި ދެމިއެއް ނޯންނާނެތީކަމަށް ނޫރްއައިން ފާހަގަކުރެއްވިއެެވެ.
"ފަތުރުވެރިިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިއްމު އިންޑަސްޓްރީއަށްވެފައި، ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް މަގުބޫލު ބްރޭންޑަކަށްވާއިރު، އެ މަގާމު ދިފާއުކޮށް ދެމެހެއްޓުމަށްޓަކައި މުޅި އިންޑަސްޓްރީ ގުޅިގެން މަސައްކަތްކޮށް އާ އެވޯޑުތައްވެސް ހޯދުމަށް އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކުން މަސައްކަތްކުރަންޖެހޭ" ނޫރްއައިން ވިދާޅުވިއެވެ.
އާ އެވޯޑުތައް ހޯދަން މަސައްކަތްކުރުމުގެ އިތުރުން، މިއަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ވާސިލުވުމަށްވެސް މުޅި އިންޑަސްޓްރީއާ ގުޅިގެން އެމްއެމްޕީއާރްސީން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށްވެސް ނޫރްއައިން ވިދާޅުވިއެވެ.
"ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތަކީ ދެބަޔަކަށް އޮންނަ މަސައްކަތެއް، ފުރަތަމަ ބަޔަކީ، ފެއާރތަކުގައި ފެންނަ މަސައްކަތް، ފެއަރ ތަކާއި ރޯޑްޝޯތަކުގެ މަސައްކަތް އަޅުގަނޑުމެން ވަރަށް ހާއްސަކޮށް ކުރަން، އެގޮތުން މިއަހަރު އެބައޮތް އެރޭބިއަން ރޯޑްޝޯއެއް، އަދި އިންޑިއާ އާއެކު މަޝްވަރާކުރެވި އިންޑިއާގެ ރޯޑް ޝޯއެއް ވެސް އެބައޮތް ކުރިއަށް" ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތްތަކާއި ބެހޭގޮތުން ނޫރްއައިން ވިދާޅުވިއެވެ.
MMPRC ge Chairperson @NurainJanah @WTravelAwards Media ah dhevvi Interview pic.twitter.com/ltuWkp9hSO
— #MvCrisis (@MvCrisis) May 10, 2024
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ފެއަރތަކުގައި ބައިވެރިވުމާއި، ރޯޑްޝޯތައް ބޭއްވުމާއި، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޤުބޫލު ފަރާތްތައް ރާއްޖެ ގެނެސް އެ ފަރާތްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުންދެއެވެ. އަދި އެކިއެކި މީޑިއާ އަދި ޕްރޮމޯޝަނަލް ހަރަކާތް ހިންގާ ފަރާތްތަކާއި އެއަރލައިންތައް މެދުވެރިކޮށްވެސް ރާއްޖެ އިޝްތިހާރުކުރުމުގެ ކެންޕެއިންތައް އަންނަނީ ހިންގަމުންނެވެ. މިކަންކަމުގެ އިތުރުންވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ދަނީ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ..