ޚަބަރު

ސަރުކާރު ކުންފުނިތައް ބަނގުރޫޓްވަމުންދަނިކޮށް، ހާލަތު ރަނގަޅުކޮށްދިނީ މި ސަރުކާރުން: އާދަމް ޝަރީފު


  • މަދު ދުވަސްކޮޅުގެތެރޭގައި އިޤްތިސާދީ ހާލަތު ރަނގަޅުވަމުންދާކަން ފާހަގަކުރެއްވި

  • އިންވެސްޓަރުންވެސް އެކަން ޤަބޫލުކުރަން ފާހަގަކުރެއްވި

މިވީ މަދު ދުވަސްކޮޅުގެތެރޭގައި އިޤްތިސާދީ ހާލަތު ރަނގަޅުކޮށް، ކުންފުނިތަކަށް ކުރިއެރުންތައް އަންނާނެ މަގު ސަރުކާރުން ފަހިކޮށްދީފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފު މިހެން ވިދާޅުވީ މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރު ބޯޓެއް ގަނަައުން ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓު ޒަމާނީކުރުމަށްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އޭޓީއާރު މަރުކައިގެ އިތުރު މަތިންދާބޯޓެއް ވަނީ ރާއްޖެ ގެނެސްފައެވެ. މިކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ކޮންމެ ދިވެއްސަކަށްވެސް އުފާވެރިކަން ގެނެސްދޭނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އައިލެންޑު އޭވިއޭޝަން އަދި އެހެންވެސް ކުންފުނިތައް އޮތީ ބަންގުރޫޓުވުމާއި ދިމާއަށް މިސްރާބް ޖަހާފައިވާ ކަމަށެވެ. އެހެންނަމަވެސް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުކޮށް، ކުންފުނިތަކަށް ކުރިއެރުންތައް އަންނާނެ މަގު ސަރުކާރުން ފަހިކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ކުންފުނިތަކަށް މިވަރުގެ ކުރިއެރުންތައް އަންނާނެ މަގު ފަހިވެގެން ދިޔުމަކީ ރައީސުލްޖުމްހުރިއްޔާ މުޙައްމަދު މުޢިއްޒުގެ ސިޔާސީ ވިސްނުންފުޅާއި، އެމަނިކުފާނުގެ އިޤްތިސާދީ ސިޔާސަތު ހީނުކުރާހާ ހަރުދަނާވެ، ވަރަށް ބޮޑު އުއްމީދުތަކެއް ލިބިގެންދިޔަ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގައި އިންވެސްޓުކުރަން ތިބި ފަރާތްތަކަށްވެސް ފެންނަމުންދަނީ ހަޤީގީ މާނައިގައި ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުވެގެންދާ މަންޒަރުކަމަށެވެ. އަދި މި ކުރިއެރުންތައް އަންނަމުންދަނީ ސިޔާސީ ހިކުމަތްތެރި ވެރިއެއްގެ ލީޑަރޝިޕްގެ ދަށުން މަސައްކަތްކުރަމުންދާތީކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ދިވެހި ރުފިޔާ ޗާޕް ނުކުރަން ނިންމި ނިންމުމާއި އެކު އިޤްތިސާދަށް އައި ބަދަލުތަކާއި އެކު، އިޤްތިސާދު މިއަދު ކޮޅަށް ހިންދެމިލައިގެން ތެދުވެ، ކުރިއަށްދާން މި ފެއްޓެނީ، އާއްމު ބަހުރުވައިން ދަންނަވާކަމުގައިވާ ނަމަ، އިޤްތިސާދުވެސް މުޢިއްޒު ސްޕީޑުގައި ކުރިއަށްދާތަން ފެނިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މޯލްޑިވިއަންގެ ފްލީޓަށް އިތުރު މަތިންދާ ބޯޓެއް އިތުރުވެގެން ދިޔުމަކީ ހުރިހާ ދިވެހިންނަށްވެސް ވަރަށް ބޮޑު އުފަލަކަށްވާނެ ކަމަށެވެ. އަދި ކުރިމަގުގައިި މޯލްޑިވިއަންއަށް އިތުުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށްވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.