ޚަބަރު

އީރާނުން އެޓޮމިކް ހަކަތައާ ބެހޭ އިދާރާ އެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފި


އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައިއޭއީއޭ)ގެ އިސްވެރިންނާ އެކު މުހިންމު އަދި ކާމިޔާބު މަޝްވަރާތަކެއް ބާއްވާފައިވާ ކަމުގައި އެ ޤައުމުން ހާމަކޮށްފިއެވެ. މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އައިއޭއީއޭގެ ވެރިޔާ ރަފަޔަލް ގްރޮސީ ވަނީ އީރާނުގެ އަޞްފިހާނަށް ވަޑައިގަންނަވާފައެވެ.

ގްރޮސީއާ އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމުގެ ވެރިޔާ މުޙައްމަދު އިސްލާމީ ވިދާޅުވީ, ދެ ފަރާތުގެ ދެމެދުގައި ބާއްވާފައިވާ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމުގައެވެ.

ގްރޮސީ އީރާނަށް ވަޑައިގަންނަވާފައި މި ވަނީ, އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމު ބެލެހެއްޓުމަށް އައިއޭއީއޭން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާށެވެ. އީރާނުގެ ނިއުކްލިޔަރ ހަކަތައާ ގުޅޭ ދިރާސާތައް ކުރާ މަރުކަޒުތަކުގައި އައިއޭއީއޭން ވަނީ މޮނިޓަރކުރުމަށް ކެމެރާ ފަަދަ ސާމާނު ހަރުކޮށްފައެވެ.

2023ވަނަ އަހަރުގެ ތެރޭގައި އީރާނުން ވަނީ, އައިއޭއީއޭން ހުއްދަ ކޮށްފައި ނުވާ ނިއުކްލިޔަރ ހަކަތަ އުފެއްދުމާ ބެހޭ ދިރާސާ ކުރާ މަރުކަޒަކުން ޔުރޭނިއަމް މައުދަން ފެނުނު މައްސަލަ ތަޙުޤީޤު ކުރަން އެ އިދާރާއަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ. އަދި, އެ މަރުކަޒުން ނަގާފައިވާ އައިއޭއީއޭގެ މޮނިޓަރިންގ ސާމާނު އަލުން ހަރުކޮށްފައެވެ.

"ޚިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލަތަކާ މެދު މަޝްވަރާ ކޮށްގެން ހައްލެއް ހޯދަން ދެ ފަރާތުން ދަނީ މަސައްކަތް ކުރަމުން،" އިސްލާމީ ވިދާޅުވިއެވެ.

އީރާނުން ދަނީ 60 އިންސައްތަ ސާފުމިނަށް ޔުރޭނިއަމް މުއްސަނދި ކުރަމުންނެވެ. 90 އިންސައްތައާ ގާތަށް ޔުރޭނިއަމް މުއްސަނދި ކޮށްފި ނަމަ, އީރާނަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދޭނެއެވެ. އައިއޭއީއޭން ބުނީ, ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަސައްކަތް އީރާނުން ކުރިއަށް ގެންދާ ނަމަ, ދެ ނިއުކްލިޔަރ ބޮން އުފެއްދުމުގެ ގާބިލު ކަން އީރާނަށް ހޯދޭނެ ކަމުގައެވެ.

ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަކީ އީރާނުގެ އަމާޒު ކަމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި, މި ކަމަށް ހުރަސް އެޅުމުގެ ގޮތުން އެމެރިކާއިން އިސްވެ އެ ޤައުމާ ދެކޮޅަށް ވަނީ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް, އީރާނުން މި ތުހުމަތުތައް ދޮގުކޮށް ބުނީ, އެއީ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ގޮތުން ކުރިއަށް ގެންދާ ޕުރޮގުރާމެއް ކަމުގައެވެ.