ޚަބަރު

ކެންޔާގައި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު 228އަށް


އިރުމަތީ އެފްރިކާގެ ޤައުމެއް ކަމުގައިވާ ކެންޔާއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ފެންބޮޑުވެ, ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 228އަށް އުފުލިއްޖެއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ރަށަކީ ކެންޔާގެ ދެކުނުގައި އޮންނަ މައި މަހިޔޫއެވެ. ބޯކޮށް ވާރޭވެހުމާ ގުޅިގެން ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައިވާއިރު, ބައެއް ސަރަޙައްދުތަކުގެ ބިންގަނޑު ވެސް ވަނީ ކެނޑިފައެވެ.

ކެންޔާގެ ދާޚިލީ ވުޒާރާއިން ބުނީ, ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކޮށްފައިވާ ކަމަށާއި, އިތުރު ސަރަޙައްދުތަކުގައި ފެންބޮޑުވެ, ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތައްް ހިނގާނެ ކަމަށް ބެލެވޭ ކަމުގައެވެ. މި ވިއްސާރައާ ގުޅިގެން އިރުމަތީ އެފްރިކާ ބައްރުގެ އެންމެ ބޮޑު އިޤުތިޞާދު އޮންނަ ކެންޔާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެ ޤައުމުގެ ދާޚިލީ ވުޒާރާއިން ބުނީ, ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ހުންނަ ރަށްތަކުގެ ރައްޔިތުންގެ ގެދޮރުގެ އިތުރުން މަގުތަކާއި ބުރިޖުތަކާއި ޢުމްރާނީ ވަސީލަތްތަކަށް ގެއްލުން ވެފައިވާ ކަމުގައެވެ. އަދި, 212,630 މީހުންގެ ގެދޮރު ނެތިފައިވާ ކަމުގައެވެ.

ކެންޔާގެ ރެޑް ކްރޮސުން ބުނީ, އެ ސަރަޙައްދުގައި ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި, އަނިޔާވެފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ހަސްފަތާލުތަކަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމުގައެވެ. ކެންޔާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ޤައުމުގެ ސަރުކާރު ވަނީ ނުކުޅެދިފައެވެ.

މިއީ މޫސުމަށް އަންނަ ޤުދުރަތީ ބަދަލެއް ކަމުގައިވާ އެލް ނީނިޔޯގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މޫސުމީ މާހިރުން ބުނެއެވެ. ބޯކޮށް ވާރޭވެހި, ފެންބޮޑުވުމާ ގުޅިގެން ކެންޔާއާ އިންވެގެން އޮތް ބުރުންޑީގައި ވެސް 100,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތިފައެވެ. އަދި, ޓެންޒެނިޔާއިން ވެސް ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި 58 މީހުން މަރުވިއެވެ. ހުސްވި އަހަރު ވެސް އިރުމަތީ އެފްރިކާގެ ޤައުމުތަކަށް ރެކޯޑު މިންވަރަކަށް ވާރޭވެހިފައިވެއެވެ.