ޚަބަރު

އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ


  • ފެން ހިންދާ ނިޒާމުވެސް ޤާއިމްކުރާނެ

  • މަގު ބައްތި ޖަހައި، ސީސީޓީވީވެސް ހަރުކުރާނެ

އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ޙަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން 100 ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. އަދި މަގުތައް ހެދުމުގެ އިތުރުން، ފެން ހިންދާ ނިޒާމު ޤާއިމްކޮށް މަގު ބައްތި ޖަހައި ކެމެރާ ސީސީޓީވީ ނެޓްވޯކަކުން ގުޅާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ނިމިދިޔަ ސަރުކާރުން، އައްޑޫގެ 60 ކިލޯމީޓަރު މަގު ހަދަން ނިންމާފައި އޮތީ ސިމެންތި ބޭސް ލޭޔަރ އަޅައިގެންނެވެ. ނަމަވެސް އެމަގުތައް ތާރު އަޅައިގެން ތަރައްްޤީކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.


އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް މިހާރު އައްޑޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެސިޓީގެ މަގު ހެދަމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައިވާކަމަށެވެ.

ވުޒާރާއިން ވިދާޅުވީ އެމަޝްރޫގެ ދަށުން ހަދަމުންދާ، ފޭދޫގެ މަގުތަކުގެ 92.61 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.

އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫއެސް ޑޮލަރގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ. މިއީ 77.6 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1.1 ބިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.