ޚަބަރު

އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ސަޢުދީގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައިފި


  • ސަޢުދީ ޙާރިޖީ ވަޒީރާއި ބައްދަލުކުރެއްވީ އޯއައިސީ ސަމިޓުގެ ޙަވާސާގެ ތެރެއިން

  • މި ސަމިޓުގައި ޑރ. ޝަހީމް ބައިވެރިވަޑައިގަންނަވަނީ ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި

އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާންއާއި ބައްދަލުކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ސަޢުދީ ޚާރިޖީ ވަޒީރާއި ބައްދަލު ކުރައްވާފައިވަނީ މިހާރު ގެމްބިއާގެ ބަންޖުލްގައި ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓުގެ ޙަވާސާގެ ތެރެއިންނެވެ.

އޯ.އައި.ސީގެ މި ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 4 އިން 5 އަށެވެ.


ވަޒީރު ޑރ. ޝަހީމް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

ގެމްބިއާގެ ވެރިރަށް ބަންޖުލްގައި ކުރިއަށްގެންދާ މި ބައްދަލުވުމުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައީސުލްޖުމުހޫރިއްޔާގެ ޚާއްސަ މަންދޫބުގެ ހައިސިއްޔަތުން ތަޤްރީރު ދެއްވާނެއެވެ. މި ތަޤުރީރު ޓީވީ މެދުވެރިކޮށް ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ. މި އަހަރުގެ ސަމިޓުގެ ޝިޢާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން." އެވެ.