ޚަބަރު

ޑައިވަރުންނަށް އަމާޒުކޮށް ކޮމްޕްރެޝަރ ބޭނުންކުރާނެގޮތުގެ ޚާއްސަ ތަމްރީނެއް ފަށައިފި


  • އެމްއޭ ސަރވިސަސް އިން އާންމުކޮށް ހުޅުވާލައިގެން ދެ ތަމްރީނެއް ވަނީ ފަށާފަ

  • އެއީ ބާވަ ކޮމްޕްރެޝަރ އޮޕަރޭޓަރ ޓްރެއިނިންގ ޕްރޮގްރާމް އާއި

  • ސްކޫބާޕްރޯ ރެގިއުލޭޓަރ ސާވިސަސް ޓްރެއިނިންގ ޕްރޮގްރާމް

އެމްއޭ ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން، މަސްވެރިންނާއީ ޑައިވަރުންނަށް، ޑައިވިން ގައި ބޭނުންކުރާ، ކޮމްޕްރެޝަރ އޮޕަރޭޓަރ އަދި ސްކޫބާޕްރޯ ރެގިއުލޭޓަރ ސާވިސަސްގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދާއި މާދަމާ ކުރިއަށްދާ މި ދެ ޕްރޮގްރާމުގައި ޖުމްލަ 105 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެއީ ބާވަ ކޮމްޕްރެޝަރ އޮޕަރޭޓަރ ޓްރެއިނިންގ ޕްރޮގްރާމުގައި 35 ބައިވެރިން އަދި ސްކޫބާޕްރޯ ރެގިއުލޭޓަރ ސާރވިސަސް ޓްރެއިނިންގ ޕްރޮގްރާމްގައި 70 ބައިވެރިންނެވެ.

އޭގެތެރެއިން ބާވަ ކޮމްޕްރެޝަރ އޮޕަރޭޓަރ ޓްރެއިނިންގ ޕްރޮގްރާމުގައި, ހައި ޕްރެޝަރު ބްރީތިންގ އެއާ ކޮމްޕްރެޝަރުގެ ޓެކްނޮލޮޖީ އާއި ރައްކާތެރިކަމާއެކު ކޮމްޕްރެޝަރު ބަލަހައްޓާނެ ގޮތާއި, ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރާނެގޮތާއި ރައްކާތެރިގޮތުގައި ކޮމްޕްރެޝަރު ބޭނުންކުރާގޮތުގެ ފުރިހަމަ މައުލޫމާތު ބައިވެރިންނާއި ހިއްސާކުރެވޭނެ ކަމަށް އެމްއޭ ސަރވިސަސްއިން ބުންޏެވެ.

ސްކޫބާޕްރޯ ރެގިއުލޭޓަރ ސާވިސަސް ޓްރެއިނިންގ ޕްރޮގްރާމުގައި ސްކޫބާ ޑައިވިންގ ރެގިއުލޭޓަރުގެ ބޭނުމާއި އަދި ރެގިއުލޭޓަރަށް ދިމާވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ އަސާސީ ތަމްރީނު ދޭނެކަމަށް އެކުންފުނިން ބުންޏެވެ. އޭގެ އިތުރުން ރެގިއުލޭޓަރުގެ ސްޕެއާ ޕާޓްސް ދެނެގަތުމާއި އޯޑަރު ކުރުމާއި އަދި ރެގިއުލޭޓަރު ރައްކާތެރިގޮތުގައި ބަލަހައްޓާނެ ގޮތް ވެސް ކިޔައިދޭނެއެވެ.

މި ޕްރޮގްރާމްތައް ހިންގުމުގެ މަޤްޞަދަކީ ޑައިވް ސެންޓަރުތަކުން ދެމުން އަންނަ ޚިދުމަތްތަކަކީ ރައްކާތެރިކަން ކަށަވަރުކުރާ ޚިދުމަތްތަކަކަށް ހެދުމާއި, އަދި ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤުބޫލު ޑައިވިންގ މަންޒިލަށް ހެދުން ކަމަށް އެމްއޭ ސާރވިސަސްއިން ވަނީ ބުނެފައެވެ.

އެމްއޭ ސަރވިސަސްއަކީ ޑައިވިން ސެންޓަރުތަކާއި ސަފާރީ އުޅަނދުފަހަރާއި ފަޔަރ ސްޓޭޝަންތަކާއި އެހެނިހެން ތަންތަނަށް ބޭނުންވާ ބްރީތިންގ އިކުއިޕްމެންޓް ވިއްކަމުން އަންނަ ކުންފުންޏެކެވެ. އަދި އެކުންފުންޏަކީ ދުނިޔޭގެ އެންމެ މަޤުބޫލު ޑައިވިންގ ކޮމްޕްރެޝަރ ބްރޭންޑް, ބާވަ (BAUER) ގެ ދިވެހިރާއްޖޭގެ އެޖެންޓެވެ. މީގެއިތުރުންވެސް ދުނިޔޭގެ ނަން މަޝްޙޫރު ބައެއް ބްރޭންޑްތަކުގެ ޑައިވިން އިކުއިޕްމަންޓް އެކުންފުނިން އަންނަނީ ރާއްޖޭގެ ބާޒާރުގައި ވިއްކަމުންނެވެ.