ޚަބަރު

ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ފަށައިފި


  • ތިލަފުށި 2 ވަނަ ފިޔަވަހިން ބިން ވިއްކާނީ ބީލަމުގެ އުސޫލުން

  • ދެ މަރުހަލާއަށް އަކަށް ބަހާލައިގެން ބިން ވިއްކުމުގެ ކަންކަން ކުރިއަށް ގެންދާނީ

ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭ ގޮތް ހަދައި ތިލަފުށިން ބިން ވިއްކުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން ހުޅުވާލާފައިވަނީ ތިލަފުށި ދެވަނަ ފިޔަވަހިން ބިން ވިއްކުމަށެވެ. ސިނާއީ މަސައްކަތްތަކަށް ޚާއްސަކޮށް ދޫކުރުމަށް ކަނޑައަޅާފައިވާ އެ ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށެވެ. މިގޮތުން ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ދިވެހި އަމިއްލަ ފަރާތްތަށާއި ކުންފުނިތަކަށް ވަނީ ހުޅުވާލެވިފައެވެ.

ހަމައެކަނި ދިވެހިންނަށް ހުޅުވާލައިގެން ތިލަފުށީގެ 2 ވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބިން ވިއްކަން ހުޅުވާލިއިރު ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށީ ޒޯން އޭ ގެ އޭރިޔާ ބީ ގައި މިހާތަނަށް ނުވިކިހުރި ބިންތަކެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް މިއަދު ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ އެކި ސައިޒުގެ 108 ބިން ވިއްކުމަށް ކަނޑައެޅިފައި ވެއެވެ.

އެގޮތުން 3 ސައިޒެއްގެ ބިން ވިއްކަން ވަނީ ހުޅުވާލާފައެވެ. އެއީ 2500 އަކަފޫޓާއި 4999 އަކަފޫޓުގެ 64 ބިމާއި، 5000 އަކަފޫޓާއި 9999 އަކަފޫޓުގެ 42 ބިމެވެ. މީގެ އިތުރުން 10،000 އަކަފޫޓާއި 14،999 އަކަފޫޓުގެ ބޮޑު 2 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް ވަނީ ހުޅުވާލާފައެވެ.

އެޗްޑީސީން ވިދާޅުވީ ތިލަފުށިން ބިން ވިއްކާނީ 2 މަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ބިންތަކަށް ޝައުޤުވެރިކަން ހުރިކަމަށް ހުށަހަޅާނީކަމަށާއި އެއަށް ފަހު އެއް ބިމަކަށް އެއް ފަރާތައްވުރެ ގިނަ ފަރާތުން ޝައުޤުވެރިކަން ފާޅުކޮށްފައިވާނަމަ އެ ބިމެއް ވިއްކާނީ ބީލަމުގެ އުސޫލުންކަމަށް އެކުންފުނިން ވިދާޅުވިއެވެ. އަދި ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ އަކަފޫޓެއް 1700 ރުފިޔާއަށް ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ސިނާއީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ފަހިކޮށްދީ ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމަށް ކަމަށް އެޗްޑީސީން ފާހަގަ ކުރެއެވެ. އެޗްޑީސީން ވަނީ ތިލަފުށީގެ ކުލި ހުރިވަރު ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ކުރަމުންދާ ވިދާޅުވިއެވެ.

މީގެ އިތުރުން ތިލަފުށި ފުރަތަމަ ފިޔަވަހިން މިވަގުތު 5000 އަކަފޫޓަށް ވުރެ ބޮޑެތި ބިންތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް އެ ބިންތައް ގަތުމުގެ ފުރުސަތުވެސް އެޗްޑީސީން ވަނީ ހުޅުވާލާފައެވެ.