ޚަބަރު

ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އޯއައިސީގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޑރ. ޝަހީމް ގެމްބިއާއަށް


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީގެ 15 ވަނަ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގެމްބިއާއަށް ފުރާވަޑައިގެންފިއެވެ.

އޯއައިސީގެ އިސްލާމިކް ސަމިޓްގައި ރާއްޖޭގެ ފަރާތުން ޑރ. ޝަހީމް ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގެމްބިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖެއާއި އިސްލާމީ ޤައުމުތަކާއި އަވަށްޓެރި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށްކަމަށެވެ. ވަޒީރު ވިދާޅުވީ މި މަހާސިންތާގައި އިސްލާމީ އުންމަތުގެ މިއަދުގެ ހާލަތާއި ފަލަސްޠިންގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކާނެކަމަށެވެ. އެގޮތުން ރާއްޖެއިން މި ސަމިޓްގައިވެސް ފަލަސްޠީންގެ ރައްޔިތުންނަށް ޔަހޫދިން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ފަލަސްޠީންގައި ހިނގަމުންދާ ކަންކަމުގައި ރައީސްގެ ތަޞައްވަރު ވަރަށް ސާފު. އެހެންކަމުން ރާއްޖޭގެ ސްޓޭންޑް މި ސަމީޓްގައިވެސް ހާމަކުރާނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.


ގެމްބިއާގެ ވެރިރަށް ބަންޖުލްގައި ބާއްވާ 15 ވަނަ އޯއައިސީ ޤައުމުތަކުގެ ވެރިންގެ ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 4 އިން 5 އަށެވެ. މި ބައްދަލުވުމުގައި 57 ޤައުމެއްގެ އިސްވެރިން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ގެމްބިއާގައި ބާއްވާ މިފަހަރު ބައްދަލުވުމުގެ މައިގަނޑު ތީމަކީ މަޝްވަރާކުރުމާއިއެކު ގުޅުންތައް ބަދަހިކޮށް ދެމެހެއްޓެނިިވި ތަރައްޤީއަށް މަސައްކަތް ކުރުމެވެ.