ޚަބަރު

ބްލިންކަން އިސްރާއީލުގައި, ޣައްޒާއަށް އެހީ ވައްދަން ބާރު އަޅާނެ


ޒަޔަނިސްޓުންގެ އެންމެ ބޮޑު މަދަދުގާރު އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އިސްރާއީލަށް ވަޑައިގަންނަވައި, ޔަހޫދީންގެ އިސްވެރިންނާ އެކު މަޝްވަރާތައް ބާއްވަވަން ފައްޓަވައިފިއެވެ. އޭނާ އިސްރާއީލަށް ވަޑައިގަންނަވާފައި މި ވަނީ މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރަމުންދާ ގެންދަވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. އިސްރާއީލަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ ވަނީ ސަޢޫދީ ޢަރަބިއްޔާއާއި އުރުދުނަށް ވަޑައިގަންނަވާފައެވެ.

މިއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން 2023 އޮކްޓޫބަރު 7ގައި ލާއިންސާނީ ޢުދުވާނެއް ފެށި ފަހުން ބްލިންކަން އިސްރާއީލަށް ކުރައްވާ ހަތްވަނަ ދަތުރުފުޅެވެ. ޔަހޫދީންގެ އިސްވެރިންނާ އެކު މިހާރު ބާއްވަމުންދާ ބައްދަލުވުންތަކުގައި, ޣައްޒާގައި ހާލުގައި ޖައްސައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް, ޣައްޒާއަށް އެހީގެ ސާމާނު އެތެރެ ކުރަން ޔަހޫދީން ކުރިމަތި ކޮށްފައިވާ ހުރަސްތައް ނައްތައިލަން ވަކާލާތު ކުރައްވާނެ ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.

"ޣައްޒާގައި ހިންގަމުންދާ ޢުދުވާން މެނޑުކަނޑުވައިލުމަށާއި, [ޔަހޫދީ] އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރަމުންދާ މި ދަނޑިވަޅުގައި, ޙަމާސްގެ އަމަލުތަކުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ތަސައްލީއެއް ހޯދައިދޭން އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ،" ބްލިންކަން ވިދާޅުވިއެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޣައްޒާގެ ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލާފައި ވަނީ ޙަމާސުންނެވެ. ޖައްބާރު ޔަހޫދީންނެއް ނޫނެވެ. "އަޅުގަނޑުމެންގެ ވިސްނުމުގައި ހުރީ [ހާލުގައި ޖެހިފައިވާ] މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި, ބޭސްފަރުވާގެ ސާމާނާއި, ފެނާއި ހިޔާވަހި ކަން އެ މީހުންނަށް ފޯރުކޮށްދިނުން،" ބްލިންކަން ވިދާޅުވިއެވެ.

ޒަޔަނިސްޓުންގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބްލިންކަން ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް ބައްދަލު ކުރައްވާނެއެވެ. މިއީ, ފަލަސްޠީނުގެ މުސްލިމުންނާ މެދު ޔަހޫދީ ފައުޖުން އަމަލު ކުރަމުންދާ ގޮތް ބަދަލު ނުކޮށްފި ނަމަ, އެމެރިކާއިން ޔަހޫދީންނާ މެދު ގެންގުޅޭ ސިޔާސަތު ބަދަލު ކުރާނެ ކަމަށް ވިދާޅުވެ, އެމެރިކާގެ ރައީސް ޖޯ ބައިޑަން ޖައްބާރު ނަތަންޔާހޫއަށް އިންޒާރު ދެއްވި ފަހުން ބްލިންކަން ނަތަންޔާހޫއާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ބައިޑަން ވިދާޅުވެފައި ވަނީ, ފަލަސްޠީނުގެ ޢާންމުން ގަތުލު ކުރުން މަދު ނުކުރާ ނަމަ, ޔަހޫދީންނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ, ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކުރުމާ ގުޅޭ ގޮތުން އެމެރިކާއިން ގެންގުޅޭ ސިޔާސަތު ބަދަލު ކުރަން ޖެހިދާނެ ކަމުގައެވެ. އެއީ, ފަހުގެ ތާރީޚެއްގައި އެމެރިކާއިން ޔަހޫދީންނާ ދެކޮޅަށް އިންޒާރެއް ދީފައިވާ ފުރަތަމަ ފަހަރެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,568އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 77,765އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.