ޚަބަރު

ކޮލަމްބިޔާ ޔުނިވަރިސިޓީން ވެސް ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި


އެމެރިކާގެ ނިއު ޔޯކް ސިޓީގައި ހުންނަ ކޮލަމްބިޔާ ޔުނިވަރސިޓީގައި ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށާއި, ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމަށް ގޮވައިލައި އަޑު އުފުލަމުން ދިޔަ ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކޮށްފިއެވެ. ކޮލަމްބިޔާ ޔުނިވަރސިޓީގެ ކެމްޕަހުގައި ފޭލިގެ ޖަހައިގެން ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ ދަރިވަރުންނާއި ޢާންމުން ހުއްޓުވައި, ހައްޔަރު ކުރުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ.

ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތަކަށް ވަކާލާތުކޮށް އަޑުއުފުލުމަށް އެމެރިކާގެ އެކި ކަންކޮޅުތަކުގެ ޔުނިވަރސިޓީތަކުގެ ކެމްޕަސްތަކުގައި އެތަކެއް ހާސް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. ކޮލަމްބިޔާ ޔުނިވަރސިޓީގައި މުޒާހަރާ ކުރަމުން ދިޔަ މީހުން ހުއްޓުވަން އެތަކެއް ސަތޭކަ ފުލުހުން އެ ތަނުގެ ކެމްޕަހަށް ވަދެފައި ވަނީ ރަޔަޓް ގިޔަރުގައެވެ. އެންމެ ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައި ވަނީ އެ ޔުނިވަރސިޓީގެ ހެމިލްޓަން ހޯލުންނެވެ.

ފުލުހުން ހެމިލްޓަން ހޯލަށް ވަދެފައި ވަނީ ޔުނިވަރސިޓީގެ ދަރިވަރުންނާއި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު އެ ހޯލު ހިސާރު ކުރުމާ ގުޅިގެންނެވެ. ކޮލަމްބިޔާ ޔުނިވަރސިޓީން ވަނީ, މުޒާހަރާގައި ބައިވެރިވި ދަރިވަރުން ސަސްޕެންޑު ކުރަން ވެސް ފަށާފައެވެ. އަދި, ހެމިލްޓަން ހޯލުގައި މުޒާހަރާ ކުރަމުން ދިޔަ ދަރިވަރުންނާއި ޢާންމުންގެ ތެރެއިން 40 ވަރަކަށް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ މީހުން އެ ތަނުން ނެރެފައި ވަނީ ބިޑި އަޅުވައިގެންނެވެ.

އެމެރިކާގެ ޔުނިވަރސިޓީތަކުގައި މި ފަދަ މުޒާހަރާތަކެއް އެންމެ ފަހުން ބާއްވާފައި ވަނީ މީގެ 56 އަަހަރު ކުރިންނެވެ. ޔުނިވަރސިޓީތަކުގެ ކެމްޕަސްތަކުގައި ފޭލިގެ ޖަހައި, 1968ވަނަ އަހަރު މުޒާހަރާ ކޮށްފައި ވަނީ ނަސްލީ ތަފާތު ކުރުމާއި ވިއެޓްނާމްގައި އެމެރިކާއިން ކުރަމުން ދިޔަ ހަނގުރާމައާ ދެކޮޅަށެވެ. މި ފަހަރު މުޒާހަރާ ކުރަމުން މި ދަނީ, ޔުނިވަރސިޓީތަކުން ޒަޔަނިސްޓު އިސްރާއީލުގެ ކުންފުނިތަކާ އެކު ބާއްވަމުންދާ ގުޅުންތައް ކަނޑައިލައި, ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ކޮލަމްބިޔާގެ ހެމިލްޓަން ހޯލު ހިސާރު ކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނިއު ޔޯކްގެ މޭޔަރު އެރިކް އެޑަމްސް ވިދާޅުވީ, އެ ކަމުގައި ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވެފައި ނުވާ ކަމުގައެވެ. އަދި, އެ ހޯލު ހިސާރު ކޮށްފައި ވަނީ ޢާންމު މަސްލަޙަތު ނަގައިލަން މަސައްކަތް ކުރަމުންދާ ގުރޫޕުތަކުން ކަމުގައެވެ.

ނަމަވެސް, މުޒާހަރާ އިންތިޒާމު ކުރި ފަރާތްތަކުން މި ކަން ދޮގު ކުރެއެވެ. މި ކަމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ދަރިވަރު, މަޙްމޫދު ޚަލީލް ބުނީ ހެމިލްޓަން ހޯލަށް ވަދެފައި ވަނީ ޔުނިވަރިސިޓީގެ ދަރިވަރުން ކަމުގައެވެ. އަދި, ފުލުހުން ހައްޔަރަށް ގެންގޮސްފައި ވަނީ ޔުނިވަރސިޓީގެ ދަރިވަރުން ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާއަކީ ފަލަސްޠީނު ދަރިކޮޅުގެ މީހެކެވެ.

ކޮލަމްބިޔާ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުންގެ ތެރޭގައި ހިމެނޭ ގިނަ ޢަދަދެއްގެ ޔަހޫދީން ވެސް ދަނީ މުޒާހަރާތަކުގައި ބައިވެރިވަމުންނެވެ. އޭގެ ތެރެއިން އެއް ދަރިވަރު, ކެމެރަން ޖޯންސް ބުނީ ޔުނިވަރސިޓީގެ ބޯޑުގެ މެންބަރުން އިސްތިޢުފާ ދިނުމަކީ އެ މީހުންގެ އެއް ޑިމާންޑު ކަމުގައެވެ. އަދި, ޔުނިވަރސިޓީގެ ކެމްޕަހަށް ވަދެ ފުލުހުުން ހިންގާފައިވާ އަނިޔާވެރި އަމަލުތައް ތަޙުޤީޤު ކުރުމަށް ވެސް އޭނާ ގޮވައިލިއެވެ.

މި ހާދިސާއާ ގުޅިގެން ކޮލަމްބިޔާ ޔުނިވަރސިޓީން ވަނީ, މޭ 17އާ ޖެހެންދެން އެ ތަނުގައި ފޯރިމެރުމަށް ފުލުހުންގެ ކިބައިން އެދިފައެވެ. އެ ޔުނިވަރސިޓީިން ބުނީ, ހެމިލްޓަން ހޯލަށް ވަތް މީހުން ޢިމާރާތާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައެވެ. އަދި, އެ ތަން ހުސްކުރަން ފުލުހުންގެ ކިބައިން އެދިފައި ވަނީ އިތުރު ގޮތެއް ނެތުމުން ކަމުގައެވެ. މުޒާހަރާ ކުރަމުން ދިޔަ މީހުން ޔުނިވަރސިޓީގެ މުވައްޒަފަކަށް ބިރު ދައްކާފައިވާ ކަމުގައި ވެސް ޔުނިވަރސިޓީން ބުންޏެވެ.

ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި ކޮލަމްބިޔާ ޔުނިވަރސިޓީގައި އަޑު އުފުލަން ފަށާފައި ވަނީ އޭޕްރިލް 17ގައެވެ. އެއާ އެކު, އެމެރިކާގެ އެކި ކަންކޮޅުތަކުގައިވާ ޔުނިވަރސިޓީތަކަށް މުޒާހަރާތައް ފެތުރިގެން ދިޔައެވެ. އޭގެ ތެރޭގައި ހުޅަނގުގައި އޮތް ކެލިފޯނިޔާގެ އިތުރުން އިރުމަތީގައި އޮތް މެސެޗުސެޓްސް ހިމެނެއެވެ.

މީގެ އިތުރުން ޓެކްސަސް, ޔޫޓާ, ވަރޖިނިޔާ, ނޯތް ކެރޮލައިނާ, ނިއު މެކްސިކޯ, ކަނެޓިކަޓް އަދި ލުއީސިޔާނާގެ ޔުނިވަރސިޓީތަކަށް ވެސް މުޒާހަރާތައް ވަނީ ފެތުރިފައެވެ. މި މުޒާހަރާތައް ރޫޅައިލަން ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އަދި, މިހާތަނަށް 1,000އަށްވުރެ ގިނަ ޢަދަދެއްގެ ދަރިވަރުންނާއި ޢާންމުން ވަނީ ހައްޔަރަށް ގެންގޮސްފައެވެ.