ޚަބަރު

ކެންޔާގައި ފެންބޮޑުވެ މަރުވި މީހުންގެ ޢަދަދު 120އަށް


އިރުމަތީ އެފްރިކާގެ ޤައުމެއް ކަމުގައިވާ ކެންޔާއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ފެންބޮޑުވެ, ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 120އަށް އުފުލިއްޖެއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ރަށަކީ ކެންޔާގެ ދެކުނުގައި އޮންނަ މައި މަހިޔޫއެވެ. އެ ރަށުގެ ތެރެއިން ދެމޭ ކޯރެއްގައި ބިނާ ކޮށްފައިވާ ޑޭމެއް ހަލާކުވެ, ފެންގަނޑު ރަށުތެރެއަށް ފެތުރުމާ ގުޅިގެން 40އަށްވުރެ ގިނަ މީހުން މަރުވިއެވެ.

ކެންޔާގެ ފުލުހުން ބުނީ މައި މަހިޔޫގައި ހިނގި ހާދިސާގައި މަރުވި 42 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި, އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމުގައެވެ. މި ހާދިސާގައި މަރުވި ކަމަށް ބެލެވޭ އިތުރު މީހުންގެ ހަށިތައް ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.

ކެންޔާގެ ރެޑް ކްރޮސުން ބުނީ, އެ ސަރަޙައްދުގައި ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި, އަނިޔާވެފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ހަސްފަތާލުތަކަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމުގައެވެ. ކެންޔާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ޤައުމުގެ ސަރުކާރު ވަނީ ނުކުޅެދިފައެވެ.

ކެންޔާގެ ސަރުކާރުން ބުނީ, ފެންބޮޑުވުމާ ގުޅިގެން 131,000 އެއްހާ މީހުންގެ ގެދޮރު ނެތިފައިވާ ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން ޢާންމުންގެ ގެދޮރުގެ އިތުރުން މަގުތަކާއި ބުރިޖުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވިއްސާރައިގެ އަސަރު ކެންޔާގެ ވެރިރަށް ނައިރޯބީއަށް ވެސް ކުރަމުންދާއިރު, ނައިރޯބީގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ވެސް ވަނީ ގެއްލުންވެފައެވެ. އަދި, ވައިގެ އުދުހުންތަކަށް ހުރަސް އެޅިފައެވެ.

މި ވިއްސާރައާ ގުޅިގެން, ކެންޔާގެ ސަރުކާރުން ވަނީ ސްކޫލް ޗުއްޓީ އިތުރަށް ދަންމައިލާފައެވެ. ކެންޔާގެ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ, ފެންބޮޑުވުމާ ގުޅިގެން ގިނަ ޢަދަދެއްގެ މަދަރުސާތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. އަދި, އެ ތަންތަނުގައި ކިޔަވައިދޭން ފެށޭނީ މަރާމާތަށް ފަހުގައި ކަމުގައެވެ.

ކެންޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ މޭ މަހުގެ ކުރީކޮޅު ވެސް އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ. ކެންޔާގެ އިތުރުން އިރުމަތީ އެފްރިކާ ބައްރުގެ ގިނަ ޤައުމުތަކަށް ވަނީ މޫސުން ގޯސްވެފައެވެ. އަދި, އެ ސަރަޙައްދުގެ ގިނަ ޤައުމުތަކަށް ބޯކޮށް ވާރޭވެހެމުން ދިޔުމާ އެކު, އެ ޤައުމުތަކަށް ވަނީ ފެންބޮޑުވުމާ ކުރިމަތިލާން ޖެހިފައެވެ.

މިއީ މޫސުމަށް އަންނަ ޤުދުރަތީ ބަދަލެއް ކަމުގައިވާ އެލް ނީނިޔޯގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މޫސުމީ މާހިރުން ބުނެއެވެ. ބޯކޮށް ވާރޭވެހި, ފެންބޮޑުވުމާ ގުޅިގެން ކެންޔާއާ އިންވެގެން އޮތް ބުރުންޑީގައި ވެސް 100,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތިފައެވެ. އަދި, ޓެންޒެނިޔާއިން ވެސް ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި 58 މީހުން މަރުވިއެވެ. ހުސްވި އަހަރު ވެސް އިރުމަތީ އެފްރިކާގެ ޤައުމުތަކަށް ރެކޯޑު މިންވަރަކަށް ވާރޭވެހިފައިވެއެވެ.