ޚަބަރު

ވިނަރެސް ފްލެޓުތަކަށް އޮންލައިންކޮށް ހުށަހެޅި ފޯމުތައް ބާތިލްކޮށްފި


  • އޮންލައިންކޮށް ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ ނޮވެމްބަރުގައި

  • ޕޯޓަލްގައި މައްސަލަ ހުރުމުން ފޯމުތައް ބާތިލްކުރީ

  • ފްލެޓްތައް ގަތުމަށް އަލުން ފުރުސަތު ހުޅުވާނުލާނެ

ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ގެއްލުމާއި ގުޅިގެން ވިނަރެސް ފްލެޓުތައް ގަތުމަށް މިދިޔަ ނޮވެމްބަރުމަހު ހުޅުވާލި ފުރުޞަތުގައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ފޯމުތައް ބާތިލްކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން މިދިޔަ އަހަރު ނޮވެމްބަރ 5 ވަނަ ދުވަހު އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް ހުޅުވާލިއެވެ. ނަމަވެސް އެ ފުރުޞަތުގެ ބޭނުން ހިފައި ފޯމު ހުށަހެޅުމަށް ގިނަ ބަޔަކަށް މައްސަލަތަކެއް އެދުވަހު ކުރިމަތިވިއެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ފޯމު ހުށަހެޅުމުގައި އެދުވަހު ދިމާވި މައްސަލަތައް ބަޔާންކޮށް އެޗްޑީސީއަށް ގިނަ ޝަކުވާތަތަކެއް ހުށަހަޅާފައެވެ.

އެކުންފުންޏަށް ލިބުނު ޝަކުވާތަކާއި ގުޅިގެން އެ މައްސަލަ ބެލިބެލުމުން ޕޯޓަލްއަށް ފޯމު ހުށަހެޅުމުގައި މައްސަލަތަކެއް ދިމާވިކަން ފާހަގަވިކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މިއާއެކު ގިނަބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ގެއްލިފައިވުމުން އޮންލައިންކޮށް ހުށަހެޅި އެފޯމުތައް ބާތިލް ކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެކުންފުނިން ބުނިގޮތުގައި މިފަހަކަށް އައިސް ހުޅުމާލޭގައި ފްލެޓް އިމާރާތްކުރަން ފަށާފައިވާ އެކިއެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައި، ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި ހުރުމުގެ ސަބަބުން ބޯހިޔާވަހިކަމެއް ލިބިފައިނުވާ ގިނަ ފަރާތްތަކެއްގެ ޝަކުވާ އެކުންފުންޏަށް ދަނީ ލިބެމުންނެވެ. އެ ފަރާތްތަކަށް ބޯހިޔާވަހިމެއް ހޯދައިދިނުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވިނަރެސް މަޝްރޫއުގެ ތެރެއިން ފުރުސަތު ތަނަވަސްވާ މިންވަރަކުން ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ދާތީ، ވިނަރެސް ފްލެޓް ވިއްކަން އިތުރަށް ހުޅުވާނުލާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ވިނަރެސްގެ ފްލެޓްތަކުގެ ތެރެއިން ގަތުމަށް ހުޅުވާލީ ނުވިކި ހުރި 123 ފްލެޓެވެ. އެއީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓަށް ފައިސާ ދެއްކުމަށް މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި، ޔުނިޓް އިޚްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓް އިޚްތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށްލުމުން ނުވިކިހުރި ޔުނިޓްތަކަށްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ވިނަރެސް މަޝްރޫޢުގައި ހިމެނެނީ 1344 ހައުސިންގ ޔުނިޓެވެ. މިއީ 3 ކޮޓަރީގެ އެޕާޓްމެންޓުތަކެކެވެ.