ޚަބަރު

ކުނީގެ ތެރޭގައި ހިމެނޭ ޕްލާސްޓިކުގެ ތެރެއިން ރީސައިކަލް ކުރެވެނީ ކުޑަ މިންވަރެއް: ވަޒީރު


  • މިހާރު އުފެދޭ ކުނީގެ 8 އިންސައްތައަކީ ޕްލާސްޓިކް ކުނި

  • އޭގެ ތެރެއިން ރީސައިކަލް ކުރެވެނީ މަދު މިންވަރެއް

  • މައްސަލަ ހައްލު ކުރަން ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތް ކުރަން ޖެހޭ

ޕްލާސްޓިކް ކުނި ރީސައިކަލް ކުރެވޭ މިންވަރު އިތުރުކުރަން ޖެހޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފުށިފަރު މޯލްޑިވްސްގެ "ޕްލާސްޓިކާ ނުލާ" ކެމްޕެއިން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން މީޑިއާތަކާއި ވާހަކަ ދައްކަވަމުން ވަޒީރު ޝިޔާމް ވަނީ ޕްލާސްޓިކް މަދު ކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ މިވަގުތު ޕްލާސްޓިކް ރީސައިކަލް ކުރެވޭ މިންވަރު ވަރަށް މަދުކަމަށެވެ. އެގޮތުން ރާއްޖޭގައި އުފެދޭ ކުނީގެ 8 އިންސައްތައަކީ ޕްލާސްޓިކް ކުނި ކަމަށާއި ނަމަވެސް އޭގެތެރެއިން ރީސައިކަލް ކުރެވެނީ އެންމެ އިންސައްތައެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

" މި 8 އިންސައްތައަކީ 20،000 އާއި 25،000 މެޓްރިކް ޓަނުގެ ޕްލާސްޓިކް ކުނި. އޭގެ ތެރެއިން އެންމެ އިންސައްތައެއް ރީސައިކަލް ކުރެވޭ ކަމުގެ މައުލޫމާތު މި ލިބެނީ. އެހެންވެއްޖެއިއްޔާ ސަރުކާރުންވެސް ޕްރައިވެޓް ސެކްޓަރ އިންވެސް އެފާޓް ލާން ޖެހޭ މި ނިޒާމު ހަރުދަނާ ކުރުމަށް. ދުނިޔޭގެ ކުރިއަރާފައި ހުރި ކުނި މެނޭޖް ކުރުމަށްޓަކައި ޤާއިމް ކުރެވިފައި ހުރި ވަސީލަތްތަކާއި އެއްކޮށް އަޅުގަނޑުމެންވެސް ކުރިއަށް ގޮސްފިނަމަ ރީސައިކަލް ކުރެވޭ އިންސައްތަ އިތުރު ކުރެވޭނެ" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޕްލާސްޓިކް ރީސައިކަލް ކުރެވޭ މިންވަރު އިތުރުކުރެވިއްޖެނަމަ ޕްލާސްޓިކުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުން ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށެވެ.

"ޕްލާސްޓިކާ ނުލާ" ކެމްޕެއިން ލޯންޗުކޮށްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ކެމްޕެއިންގެ ތެރެއިން މިފަހަރު މާލެ ސަރަހައްދުގައި 10،000 ފޮތި ކޮތަޅު ބަހާނެއެވެ.

"ޕްލާސްޓިކާ ނުލާ" ކެމްޕެއިން އަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކޮށް، އެކަމުގެ ހޭލުންތެރިކަން އާންމުންގެ މެދުގައި އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.