ޚަބަރު

ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި އެމެރިކާގައި މުޒާހަރާ ކުރަމުންދާ މީހުން ހައްޔަރު ކުރަނީ


އެމެރިކާގެ އެކި ކަންކޮޅުތަކުގައިވާ ޔުނިވަރސިޓީތަކުގެ ކެމްޕަސްތަކުގައި ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި އަޑުއުފުލަމުންދާ މީހުން ހައްޔަރު ކުރަން ފަށައިފިއެވެ. ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމަށް ގޮވައިލައި, ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހުދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން ކުރަމުންދާ މުޒާހަރާތަކުގައި އެތަކެއް ހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ދަރިވަރުން ވެސް ހިމެނެއެވެ.

މުޒާހަރާތަކުގެ ބައިވެރިން ދަނީ ކެމްޕަސްތަކުގައި ފޭލިގެތަކެއް ޖަހައި, ހަޅުތާލު ކުރަމުންނެވެ. ނަމަވެސް, އެ މީހުން ހުއްޓުވައި, އެ މީހުންގެ އަޑު ކަނޑުވައިލަން ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އަދި, މުޒާހަރާތައް ގަދަބާރުން ރޫޅައިލައި, މުޒާހަރާތަކުގެ ބައިވެރިން ހައްޔަރު ކުރަން ފަށާފައެވެ. މި ގޮތުން, އިންޑިޔާނާ ޔުނިވަރސިޓީން އެކަނިވެސް 23 ދަރިވަރުން ވަނީ ހައްޔަރު ކޮށްފައެވެ.

އިންޑިޔާނާ ޔުނިވަރސިޓީގައި ކުރަމުން ދިޔަ މުޒާހަރާ ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރަން ފަށާފައި ވަނީ, އެ ޔުނިވަރސިޓީގެ ކެމްޕަހުގައި ޖަހާފައިވާ ފޭލިގެތައް ނެގުމަށް އަމުރު ކުރުމުން, އެ އަމުރާ ޚިލާފުވުމުން ކަމަށް ބުނެއެވެ. އިންޑިޔާނާ ސްޓޭޓްގެ ފުލުހުންގެ އިތުރުން ޔުނިވަރސިޓީގެ ފުލުހުން ބުނީ, ކެމްޕަހުގައި ޓެންޓު ޖަަހައި, ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި އަޑު އުފުލުގެ ފުރުޞަތު ނުދެވޭނެ ކަމުގައެވެ.

މުޒާހަރާގެ ބައިވެރިން ހައްޔަރު ކޮށްފައި ވަނީ ޤަވާޢިދާ ޚިލާފަށް ޔުނިވަރސިޓީގެ ކެމްޕަސް ބޭނުން ކުރުމާއި, ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައެވެ. އެމެރިކާގެ އެކި ކަންކޮޅުތަކުގައިވާ ޔުނިވަރސިޓީތަކުގެ ކެމްޕަސްތަކުގައި ކުރަމުންދާ މުޒާހަރާތަކުގައި ދަރިވަރުންގެ އިތުރުން ޢާންމުންގެ އެތަކެއް ހާސް ބަޔަކު ވެސް ދަނީ ބައިވެރިވަމުންނެވެ.

ހުސްވި ހަފުތާގައި ކޮލަމްބިޔާ ޔުނިވަރސިޓީގެ ކެމްޕަހުގައި ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުގައި އަޑު އުފުލަމުން ދިޔަ މީހުންނަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް, ހުރަސް އަޅާފައެވެ. އެ ޔުނިވަރސިޓީން 100އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވެއެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމުގެ އިތުރުން, ޔަހޫދީންގެ ވިޔަފާރިތަކާއި ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުން ހުއްޓައިލައި, އެ ތަންތަނާ ގުޅުން ބޭއްވުން ހުއްޓައިލުމަށް ވެސް މުޒާހަރާތަކުގެ ބައިވެރިން ދަނީ ގޮވައިލަމުންނެވެ. އަދި, ޔަހޫދީންނާއި އެ މީހުންގެ މަސްލަޙަތު ހިމާޔަތް ކުރަން ބައިޑަންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުމަށް ވެސް ބާރު އަޅަމުންނެވެ.

މީގެ އިތުރުން މެސެޗުސެޓްސް ސްޓޭޓްގެ ފުލުހުން ވެސް ވަނީ, ބޮސްޓަންގައި ހުންނަ ނޯތްއީސްޓަރން ޔުނިވަރސިޓީގެ ކެމްޕަހުގައި ކުރަމުން ދިޔަ މުޒާހަރާތަކަށް ހުރަސް އަޅައި, 102 މީހުން ހައްޔަރު ކޮށްފައެވެ. އެ ޔުނިވަރސިޓީން ބުނީ, މުޒާހަރާތައް ހުއްޓުވަން ފުލުހުންގެ ކިބައިން އެދިފައި ވަނީ, ދަރިވަރުން އިސްވެ ފެށި މުޒާހަރާތަކުގައި ޢާންމުން ބައިވެރިވާން ފެށުމުން ކަމުގައެވެ. އެރިޒޯނާ ސްޓޭޓް ޔުނިވަރސިޓީގެ ކެމްޕަހުން ވެސް 69 މީހުން ހައްޔަރު ކޮށްފައިވެއެވެ.

ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޔަހޫދީންނަށް އެންމެ ބޮޑަށް މަދަދުވެރިވަމުން ދަނީ އެމެރިކާއިންނެވެ. ރައީސް ބައިޑަންގެ ސަރުކާރުންނެވެ. މުސްލިމުން ޝަހީދުކޮށް, ނެތިކޮށްލަން ހިންގަމުންދާ ޢުދުވާން ހިންގަން ބޭނުންވާ ހަތިޔާރު ފޯރުކޮށްދެމުން ދަނީ ބައިޑަނެވެ. ޢުދުވާނުގައި ޣައްޒާގެ މުސްލިމުންގެ ގެދޮރާއި, ހަސްފަތާލުތަކާއި ސްކޫލްތަކަށް ދެމުންދާ ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ބޭނުން ކުރަމުން ދަނީ ބައިޑަން ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި މިސައިލްތަކާއި ބޮންތަކެވެ.

އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 34,388އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 77,437އަށް އުފުލިފައެވެ.