ޚަބަރު

7500އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި


  • އެސް.ސީ.ސީ އިމްތިހާނު ހަދަނީ 7133

  • އިމްތިހާނު ނިމެނީ ޖޫން 13ގައި

7500އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފިއެވެ.

އޯލެވެލް އިމްތިހާން ރާއްޖޭގެ 256 ސެންޓަރެއްގައި ކުރިއަށްދާކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. އިމްތިހާނު ފަށާފައިވަނީ އައި.ޖީ.ސީ.އެސް.އީ އިމްތިހާން އަދި އެސް.އެސް.ސީ އިމްތިހާނު ހިމެނޭހެން ޖުމްލަ 7501 ދަރިވަރުންނާއެކުއެވެ. މިއީ މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރުވަރުންނަށްވުރެ 803 ދަރިވަރުންގެ އިތުރުވުމެކެވެ.

މީގެތެރެއިން އެސް.ސީ.ސީ އިމްތިހާނު ހަދަނީ 7133 ދަރިވަރުންނެވެ. ފުރަތަމަ ހަފްތާގައި ކުރިއަށްދާނީ އެސްސީސީގައި ހިމެނޭ ދިވެހި، އިސްލާމް އަދި ޢަރަބި މާއްދާތަކުގެ އިމްތިހާނެވެ.

އައި.ޖީ.ސީ.އެސް.ސީ އިމްތިހާނު ފަށާނީ މެއި މަހުގެ 2ވަނަ ދުވަހުއެވެ. މިއަހަރުގެ އޯލެވެލް އިމްތިހާނު ނިމޭ ތާރީޚަކީ ޖޫން މަހުގެ 13ވަނަ ދުވަހެވެ. އެކި ސްޓްރީމްތަކުގެ މާއްދާތައް ހިމެނޭގޮތަށް ޖުމްލަ 60 އިމްތިހާނު ކަރުދާސް ދަރިވަރުން ހަދާނެއެވެ.


އޯލެވެލް އިމްތިޙާނު ފެށުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވަނީ ހުރިހާ ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މިދިޔަ ޑިސެމްބަރު މަހު ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ސަރުކާރުން ގެންނަވާފައެވެ. އެއީ އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިހާނުގައި ފުރިހަމައަށް ބައިވެރިވުމާއިއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާދައްކާގޮތަށް ހަމަޖެއްސުމެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއެވެ.

މޮކް އިމްތިހާނުގައި ފާސްނުވިނަމަވެސް، އޯލެވެލްގައި އެ އިމްތިހާނުތަކުގައި ބައިވެރިވުން މަޖުބޫރުކުރެއެވެ. އިމްތިހާނުގައި ބައިވެރިވާ ފައިސާ ދައްކާނީ ސަރުކާރުންނެވެ. ކުރިން އުސޫލު އޮތްގޮތުން، މަޖުބޫރު މާއްދާއިން މޮކް އިމްތިހާނުގައި ފާސް ނުވެއްޖެނަމަ، އެ ދަރިވަރަކު އަމިއްލައަށް ފައިސާ ދައްކައިގެން އިމްތިހާނުގައި ބައިވެރިވާން ޖެހޭނެއެވެ.

ސަރުކާރުން ގެނައި މިބަދަލަކީ ވީހާވެސް ގިނަ ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވުމުގެ މަގު ފަހިކޮށްދީ، ދަރިވަރުން ރަނގަޅު ނަތީޖާ ހޯދުމަށް ބާރު އެޅުމަށް ގެނައި ބަދަލެވެކެވެ.

މަޖުބޫރު ހަތަރު މާއްދާ ހިމެނޭހެން ޖުމްލަ 5 މާއްދާގައި ދަރިވަރުން ބައިވެރިވާން ޖެހޭނެކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މަޖުބޫރު މާއްދާގެ އިތުރުން، ބީޓެކް ދަރިވަރުންގެ އިތުރު އެއް މާއްދާ ކިޔަވަންޖެހެއެވެ.

އޯލެވެލް އިމްތިހާނު މިހާރު ފަށާފައިވާއިރު، ރަނގަޅު ނަތީޖާއަކަށް ދަރިވަރުން ވާސިލުވުމަށް، ދަރިވަރުން، ޓިޗަރުންނާ ބެލެނިވެރިން، އިތުރު އަޒުމާއެކު މަސައްކަތްކުރުމަށް ތަޢުލީމީ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.