ޚަބަރު

ރަށު ފަތުރުވެރިކަމުން ނަގާ ޓެކުހުގެ %10 ކައުންސިލްތަކަށް ދިނުމާގުޅޭ މަޝްވަރާތައް ފަށައިފިން: ވަޒީރު


  • މިފަހަރު ފަނޯލަ ދަރުބާރު ބާއްވަނީ އުތުރުގެ އަތޮޅުތަކަށް ޚާއްސަކޮށް

  • މިއީ ކައުންސިލްތަކުގެ އަޑު ގާތުން އެހުމަށް ބާއްވާ ފޯރަމެއް

  • ލާމަރުކަޒީ ޤާނޫނަށް އަހުލުވެރިކުރުމާއި ބަދަލުތައް ގެނައުމަށް ކައުންސިލްތަކުގެ ޚިޔާލު ހޯދާނެ

ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ދައްކާ ޓެކުހުގެ %10 ކައުންސިލްތަކަށް ލިބޭގޮތަށް ޤާނުނަށް ބަދަލު ގެނައުމަށް މަޝްވާރާ ކުރައްވަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްކަތްތާ ބެހެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ ލޯކަލް ގަވަމަންޓް އޮތޯރިޓީން ކުރިއަށްގެންދާ "ފަނޯއްލަ ދަރުބާރު"ގެ އުތުރުގެ އަތޮޅުތަކަށް ޚާއްސަ ދަރުބާރު ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ ކައުންސިލްތަކާއި މައި ސަރުކާރާއި އޮތް ގުޅުން ބަދަހިވަމުންއަނަކަމަށާއި އެކަމުގައި ހެޔޮ ބަދަލުތަކެއް އަންނަމުންދާކަމަށެވެ. ސަރުކާރަށް މިވީ 5 މަސްދުވަހުގެތެރޭގައި ރައީސުލްޖުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 170 ކައުންސިލާ ބައްދަލުކުރައްވާފައިވާކަން ފާހަގަކުރައްވައި ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ކައުސިލްތަކުން އެދެމުންދިޔަ ކަންކަން ކުރުމުގެ މަސައްކަތް މިހާރުވެސް އެކި މަރުހަލާތަކުގައި ކުރެވެމުންދާކަމަށެވެ.

ވަޒީރު ވިދާޅުވީ އެންމެ އިސްކަންދީގެން އެ ވުޒާރާއިން ފަށާފައިވާ އެއް މަސައްކަތަކީ ރާއްޖޭގައި މިއޮތް ލާމަރުކަޒީ ނިޒާމާގުޅޭ ދިރާސާގެ މަސައްކަތްކަމަށެވެ. މިނިވަންކަމާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގަމުން އަންނަ އެ ދިރާސާގައި ލާމަރުކަޒީ ޤާނޫނު ތަންފީޒުކުރެވޭ މިންވަރާއި ގެންނަންޖެހޭ ބަދަލުތަކާއި އަދި ޤާނޫނުން ލިބެންވާ މަންފާ ކައުންސިލްތަކާ ރައްޔިތުންނަށް ލިބޭ މިންވަރު ބެލުން ހިމެނޭކަމަށެވެ.

ކައުސިލްތަކަށް ބާރުތައް ދޫކޮށްލައި އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ފަށައި ކައުންސިލްތަކަށް ފަޅު ރަށްތަށް ދޫކުރުމުގެ މަސައްކަތުގެތެރެއިން، މިހާރު ބައެއް ރަށްތަކުގެ ކައުންސިލްތަކާއި ފަޅު ރަށް ވަނީ ހަވާލުކޮށްފައެވެ. މީގެއިތުރުން ފަތުރުވެރިކަމުން ނަގާ ޓެކުހުން ކައުންސްތަކަށް އިންސައްތައެއް ދިނުމަކީވެސް ސަރުކާރުގެ ވަޢުދެކެވެ. ވަޒީރު ވިދާޅުވީ އެކަމާގުޅޭ މަޝްވަރާތައްވެސް މިހާރު ކުރިއަށްދާކަމަށެވެ.

"ފަޅުރަށްތައް ކައުންސިލްތަކުން ހޯދުމަށް ޕްރޮޕޯސަލް ހުށައަޅާމުންދާވަރަކުން ރަށްތަށް ދޫކުރުން އެބަ ކުރިއަށްދޭ. ދެން ފަތުރުވެރިކަމުން ރަށްރަށުން ލިބޭ ޓެކުހުގެ އާމްދަނީން %10 ކައުންސިލްތަކަށް ދިނުމާއި ގުޅޭގޮތުން ދަނީ މަޝްވަރާކުރަމުން. މިއީ ސަރުކާރުން ކައުންސިލްތަކުގެ ކުރިއެރުމަށް އިސްކަންދޭކަން ފެންނަ ކަމެއް" އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްކަތްތާ ބެހެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ފަނޯއްލަ ދަރުބާރު ފެށުމުގެ ރަސްމިއްޔާތުގައި އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ ވިދާޅުވީ، ކައުންސިލްތަކުގެ ހުރި ކަންބޮޑުވުންތައް ގުޅުންހުރި އިދާރާތަކަށް ހުށައެޅުމުގެ ފުރުޞަތުގެ އިތުރަށް ކައުންސިލްތަކުގެ މަސައްކަތް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތުވެސް ފަނޯއްލަ ދަރުބާރުން ލިބޭކަމަށެވެ.

"ޤާނޫނުން ކައުންސިލްތަކަށް ލިބޭ ބާރުތަކާއި ވަސީލަތްތައް ހޯދައިދިނުމަށް މަސައްކަތްކުރުން އެއް މަޤުޞަދަކީ. އަދި ރަށާ އަތޮޅަށް ޤާއުމީ ފެންވަރުގައި ގެންނަން ބޭނުންވާ ކަންކަމަށް މަޝްވަރާކުރެވޭ" އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ ވިދާޅުވިއެވެ.

ފަނޯއްލަ ދަރުބާރަކީ ކައުންސިލްތަކުގެ އެންމެ ބޮޑު ބައްދަލުވުމެވެ. މިފަހަރުގެ ދަރުބާރު ޚާއްސަކޮށްފައިވަނީ އުތުރުގެ 5 އަތޮޅަށެވެ. އެގޮތުން ރަށު ކައުންސިލް އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކުން މި ދަރުބާރުގައި ބައިވެރިވެއެވެ.

އެލްޖީއޭ ޔޫއެންޑީ އަދި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް އައިއާރްއައި ގުޅިގެން ބާއްވާ މި ދަރުބާރުގައި މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދާނެއެވެ.