ޚަބަރު

އާޒިމް އެދިވަޑައިގެންނެވީ މިހާރު އޮތް މަޖިލީހުން އިތުރަށް ކަންކަން ނުނިންމަން


  • 19 ވަނަ މަޖިލީހުގެ 90 އިންސައްތަ މެންބަރުންނަށް ރައްޔިތުންގެ އިތުބާރު ނެތް

  • މަޖިލިސް އިންތިޚާބު ނާކާމިޔާބުވީ އެމްޑީޕީގެ ލީޑަރޝިޕްގެ ސަބަބުން

މިހާރު އޮތް 19 ވަނަ މަޖިލީހުން ދައުރުގެ ބާކީ އޮތް މުއްދަތުގައި އިތުރު ކަންކަން ނުނިންމުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިވަޑައިގެންފިއެވެ. އާޒިމް މިގޮތަށް އެދިވަޑައިގެންނެވީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ އާދީއްތަ ދުވަހު ބޭއްވި އިންތިޚާބުގައި މިހާރު އޮތް މަޖިލީހުގައި ތިއްބެވި 90 އިންސައްތަ މެންބަރުންނަށް އިތުބާރު ނެތްކަމަށް ރައްޔިތުން ނިންމާފައިވާ ކަމަށެވެ. އަދި އައު މަޖިލީހުގެ މެންބަރުން ހުވާކުރުމާ ހަމައަށް މި ދައުރު ދެމި އޮންނަން ޖެހުނު ނަމަވެސް މިހާރު އޮތް މަޖިލީހުން ރައްޔިތުންނާ ގުޅުން ހުރި ކަންކަން ނިންމުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މެދުކެނޑުމެއްނެތި މަޖިލިސް ދެމި އޮތް ކަމުގައި ވީނަމަވެސް އެ އޮތް އޮތުން ބާއްވާފައި، އަޅުގަނޑުމެން ކަންކަން ނިންމުން ފަހަތަށް ޖައްސާލަން ޖެހޭ. މި މަޖިލީހުން ދެން ރައްޔިތުންނާ ގުޅޭ ކަންކަން ނިންމުމަކީ އެންމެ ބުއްދިވެރިގޮތެއް ކަމަށް އަޅުގަނޑު ނުދެކެން. ރައްޔިތުން އެބަސް ބުނީތީ އަޅުގަނޑުމެން އެ ބަސް އަހައިގެން، މަޑުކޮށްލައިގެން، 13 ވަނަ ދުވަހާ (މެއި 13) ހިސާބަށް ތިބުމަކީ އަޅުގަނޑު އެދޭކަމެއް،" އާޒިމް ވިދާޅުވިއެވެ.

މިހާރު އޮތް މަޖިލީހުގެ ދައުރު ނިމެން ކައިރިވެފައިވާކަން ފާހަގަކުރައްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކާއި ކޮމިޓީތަކުގައި ހުށަހަޅާފައިވާ ކަންކަން މި ދައުރު ނިމުމާއެކު ބާތިލުވެގެންދާނެ ކަމަށެވެ. އެ ކަންކަން ތަސްދީގުކުރުމަށް މުއްދަތެއް ވެސް ނެތް ކަމަށާއި މިހާރު ވެސް ދައުރު ނިންމާލަން ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރަށް 20 ވަނަ މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރެވުނީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އެހެންވެ ރާއްޖޭގެ ކަންކަން ހަމަމަގަށް އަޅުވާނަމަ މިހާރު އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ ލީޑަރޝިޕް ބަދަލުކޮށްގެން ނޫނީ މި ރާއްޖެއަކަށްނެތް އަޅުގަނޑުމެންނަށް ސިޔާސީ ކަންކަމާއިގެން ކުރިއަށްދެވޭނެ މަގެއް. ފުރަތަމަ ބަދަލުވާންވީ އެމްޑީޕީގެ ލީޑަރޝިޕް. މިހާރު އެމްޑީޕީ ލީޑަރޝިޕްގައި ތިބި ހުރިހާ ފަރާތްތައް އިސްތިއުފާ ދޭން ޖެހޭ،" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވެސް ވަނީ މަޖިލިސް ސަރުކާރަށް ލިބުނީ އެމްޑީޕީގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް މެޖޯރިޓީ ދީގެން ރައްޔިތުން ހާމަކޮށްދިނީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން ރައްޔިތުން ނޭދޭކަން ކަމަށެވެ.

"ސުޕަރ މެޖޯރިޓީ 19 ވަނަ މަޖިލީހުގައި އޮތީތީ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރަން އެކުރި މަސައްކަތަށް ރައްޔިތުން ވަރަށް ބޮޑުތަނުން ނޯ ޖަހައިފި." ހަސަން ޒަރީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރު މެއި 15 ވަނަ ދުވަހާ ހަމައަށް ދެމިއޮންނާނެއެވެ. ނަމަވެސް ދައުރުގެ އެންމެ ފަހު ޖަލްސާ މެއި 13 ގައި ބޭއްވުމަށް ރިޔާސަތުން ވަނީ ނިންމަވާފައެވެ. އަދި އައު މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މެއި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ވެސް ރިޔާސަތުން ވަނީ ނިންމަވާފައެވެ.