މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުމަށް އޮތް ވަގުތު ހަމަވުމާއެކު ކިއުތައް ބަންދުކޮށް، ވޯޓް ފޮށިތައް ގުނަން ތައްޔާރުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި ހަވީރު 5:30އާ ހަމައަށް ވޯޓްލުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.
ހަވީރު 5:30 ވުމާއެކު ވޯޓް ކިއުތައް ބަންދުކޮށް، ވޯޓް ގުނަން ވަނީ ތައްޔާރުވެފައެވެ. ވޯޓް ގުނަން ފަށާނީ ވޯޓް ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަވީރު 5:00 ޖެހުމާއި ހަމައަށް 72.96 އިންސައްތަ މީހުން ވޯޓްލާފައިވާކަމަށެވެ. އެއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ 284663 މީހުންގެ ތެރެއިން 207693 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 102867 އަންހެނުންނާއި 104826 ފިރިހެނުންނެވެ.
މިއަދު ކުރިއަށްދިޔަ އިންތިޚާބުގައި ވޯޓްލުމަށް 602 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާޢީ ރަށްތަށް އަދި ރާއްޖެއިން ބޭރުގައި 3 ޤައުމެއްގައި ވޮޓު ފޮށި ވަނީ ބަހައްޓާފައެވެ.
ވޯޓު ފޮށިތައް ބެހިފައިވާގޮތް:
• މާލެ: 181 ފޮށި
• ވިލިމާލެ: 9 ފޮށި
• ހުޅުމާލެ: 51 ފޮށި
• އަތޮޅުތަކުގައި: 319 ފޮށި
• ރިސޯޓުތައް: 34 ފޮށި
• ޖަލުތައް: 5 ފޮށި
• ރާއްޖޭން ބޭރުގައި: 3 ފޮށި
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓި ޤައުމުތަކާއި ވޯޓުލުން ކުރިއަށްދިޔައީ
ގަޑިތައް:
• އިންޑިއާގެ ޓްރިވެންޑްރަމް - 08:30 އިން 18:00އަށް
• ސްރީލަންކާގެ ކޮލޮމްބޯ - 08:30 އިން 18:00އަށް
• މެލޭޝިއާގެ ކުއާލަލަމްޕޫރު - 11:00 އިން 20:30އަށް
މިފަހަރުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވީހާވެސް ފަސޭހައިން ވޯޓު ލެވޭނެ އިންތިޒާމުތައް ހަމަޖައްސަވާފައެވެ.
އެގޮތުން ކޮންމެ ވޯޓު ފޮށްޓަކަށް އެންމެ ގިނަވެގެން ވޯޓު ލާނީ 500 މީހުންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅުއްވާފައެވެ.