ޚަބަރު

މަޖިލިސް އިންތިޚާބު: ސެކިއުރިޓީ އޮޕަރޭޝަންގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ މާލެއިން އެކަކު އަދި ގދ. ފިޔޯރީން ދެ މީހަކު

  • މާލެއިން މީހަކު ހައްޔަރުކުރީ ވޯޓު ކަރުދާސް ދެއްކުމުން

  • ފިޔޯރީން ދެ މީހުން ހައްޔަރުކުރީ ވޯޓަށް ހުރަސް އެޅުމުން

  • "އޮޕަރޭޝަން ބްލޫ ޓައިޑް"ގެ ނަމުގައި ޚާއްސަ އޮޕަަރޭޝަނެއް ވަނީ ފަށާފައި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސެކިއުރިޓީ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އޮޕަރޭޝަން ބްލޫ ޓައިޑްގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އަދި ފުލުހުންގެ އެލާޓް ލެވެލްވެސް ވަނީ އެންމެ މަތިކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ހައްޔަރުކުރި 3 މީހުންގެ ތެރޭގައި ވޯޓު ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މަލެއިން ހައްޔަރުކުރި އެކަކު ހިމެނޭކަމަށެވެ. އަދި ބާކީ ތިބި 2 މީހުން ހައްޔަރުކޮށްފައިވަނީ ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީއިންކަމަށެވެ.

މަޖިލިސް އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވޯޓުލާ ހުރިހާ މަރުކަޒުތަކެއްގައި ދިވެހި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމުގެ ކަންކަމުގައިވެސް ގިނަ އަދަދެއްގެ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ވޯޓުގެ ކަންކަން އަމާންކަމާއި، އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ކުރާ މަސައްކަތްތަކުގައި މާލެއާއި އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ފުލުހުން އަންނަނީ ބޮޑީވޯން ކެމެރާވެސް ބޭނުންކުރަމުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން ކުރިއަށްދާއިރު، މާލެއާއި އަތޮޅުތަކުގައި ވޯޓުލުމަށްޓަކާ 602 ފޮށްޓެއް ވަނީ ބަހައްޓާފައެވެ.