ޚަބަރު

އެމެރިކާއާއި އިނގިރޭސިވިލާތުން އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައިފި


އީރާނާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން އިތުރަށް ހަރުކަށި ކޮށްފިއެވެ. އީރާނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅާފައި ވަނީ ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކޮށްދިނުމުގެ ބޭނުމުގައެވެ. އަދި ޔަހޫދީންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ގޮތުންނެވެ.

އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން އީރާނާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅާފައި ވަނީ އީރާނުން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދިނުމުންނެވެ. އޭޕްރިލް 13ވަނަ ދުވަހު އީރާނުން ވަނީ 300އެއްހާ ޑްރޯނާއި ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ޔަހޫދީންގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން އައު ފިޔަވަޅުތަކެއް އަޅާފައި ވަނީ އީރާނުން ޑްރޯން ފަދަ ހަތިޔާރު އުފެއްދުން ހުއްޓުވުމުގެ ބޭނުމުގައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އީރާނާ ދެކޮޅަށް އަޅާފައިވާ ފިިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމާ ގުޅޭ ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ހަތް ޑިމޮކުރަސީގެ މައްޗަށް އެކުލެވިގެންވާ ގްރޫޕް އޮފް ސެވަން (ޖީ7)ގެ ޤައުމުތަކުން މަޝްވަރާ ކުރަމުންދާ ކަމުގައެވެ.

އޭޕްރިލް 13ވަނަ ދުވަހު އީރާނުން ދީފައިވާ ޙަމަލާތަކުގައި އެ ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވަނީ އެމެރިކާގެ އެހީތެރިކަމާ އެކުގައި ކަމަށް ބައިޑަން ވިދާޅުވިއެވެ. އެ ގޮތުން އީރާނުގެ ޑްރޯންތަކާއި މިސައިލްތައް ދިފާޢުކޮށް ވައްޓައިލުމުގައި އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކުރުމަށް އެމެރިކާއިން ތެދުވާނެ ކަމާ މެދު އެއްވެސް ޤައުމަކުން ޝައްކެއް ނުކުރެއެވެ.

"ދަތިކުރުމުގެ އައު ފިޔަވަޅުތައް އަޅާފައި ވަނީ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)އާއި ދިފާޢީ ވުޒާރާއާއި ސަރުކާރުން ހިންގާ ޑްރޯނާއި މިސައިލް އުފެއްދުމުގެ މަޝްރޫޢާ ދެކޮޅަށް، އެ މަޝްރޫޢު ކުރިއަށް ގެންދިޔުން ހުއްޓުވަން" ބައިޑަން ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އަދި ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވެސް ވަނީ އީރާނުން ޔަހޫދީންނަށް ދީފައިވާ ޙަމަލާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. "އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން އަޅުގަނޑުމެން [އިނގިރޭސިވިލާތުން] ބައިވެރިވެފައި ވަނީ [ޔަހޫދީ] އިސްރާއީލާ އެކު އީރާނުގެ ނުރައްކަލާ ކުރިމަތިލާން އަޅުގަނޑުމެން ތައްޔާރަށް އޮތް ކަމުގެ މެސެޖު ދިނުމުގެ ގޮތުން،" ކެމަރަން ވިދާޅުވިއެވެ.

އެމެރިކާއިން ބުނީ އީރާނުގެ 16 ރައްޔިތަކާއި ދެ އިދާރާއަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާނެ ކަމުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ޝާހިދު މަރުކާގެ ޑްރޯންގައި ބޭނުން ކުރާ އިންޖީނު އުފައްދާ ފަރާތްތަކާއި ކުންފުނިތަކެވެ.

އީރާނުން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދީފައި ވަނީ, އޭޕްރިލް 1ވަނަ ދުވަހު ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޔަހޫދީ ފައުޖުން ޙަމަލާދީ, އައިއާރްޖީސީގެ ހަތް މެންބަރުން ޝަހީދުކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސް ވާން ބޭނުން ނުވާ ކަމުގައި ވެސް އީރާނުން ބުނެއެވެ. ނަމަވެސް, އީރާނަށް ޔަހޫދީން އިތުރު ޙަމަލާތަކެއް ދީފި ނަމަ, ޔަހޫދީންނަށް އަމާޒުކޮށް އިހުނަށްވުރެ ބާރުގަދަ އަދި ނުރައްކާތެރި ރައްދު ޙަމަލާތަކެއް ދޭނެ ކަމުގައި އިންޒާރު އީރާނުން ދެއެވެ.

ޔަހޫދީންގެ ރަށްތަކަށް ދިން ޙަމަލާގެ ރައްދުގައި ޔަހޫދީ ފައުޖުން ވެސް ވަނީ އީރާނަށް ޙަމަލާތަކެއް ދީފައެވެ. އީރާނުން ބުނީ, ޔަހޫދީ ފައުޖުގެ ޑްރޯން ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ޤައުމުގެ މެދުތެރޭގައި އޮންނަ އިސްފަހާނަށް ކަމުގައެވެ. އެއީ, އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ މަޝްރޫޢާ ގުޅޭ ގިނަ ކާރުޚާނާތަކާއި ޔުރޭއިޔަމް މުއްސަނދި ކުރާ ކާރުޚާނާތައް ހުންނަ ސަރަޙައްދެކެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އެއިން އެއްވެސް ކާރުޚާނާއަކަށް ގެއްލުމެއް ނުވެއެވެ.