ޚަބަރު

އަލް ބުރޫޖް ގްރޫޕުން ޢުމްރާއަށް ދިޔަ މީހުންނަށް މާލެ ނާދެވި ސައުދީގައި މަޑުކުރަން ޖެހިއްޖެ


  • ޢުމްރާވެރިން މާލެ އައުމަށް ފުރަން ހަމަޖެހިފައި އޮތީ ރޭގެ 10:00 ސަޢޫދީ އެއަރލައިންސުން

  • ޢުމުރާވެރިން މާލެ ފުރުވުމުގެ މަސައްކަތްކުރާ ކަމަށް ގުރޫޕުން އެމީހުންނަށް އަންގާފައިވޭ

އަލް ބުރޫޖް ޙައްޖު އެންޑް ޢުމްރާ ގްރޫޕުގެ ހަވާލުގައި ޢުމްރާއަށް ދިޔަ 39 މީހުންނަށް މާލެ ނާދެވި ސައުދީގައި މަޑުކުރަންޖެހިއްޖެއެވެ. މިގްރޫޕްގެ ޢުމްރާވެރިން މާލެ އައުމަށް ފުރަން ހަމަޖެހިފައި އޮތީ ރޭގެ 10:00 ސަޢޫދީ އެއަރލައިންސް އިންނެވެ. ނަމަވެސް ޗެކިން ގަޑި ނިމިގެން ޗެކިން ކައުޓަރުތައް ބަންދު ވީއިރުވެސް ކައުންޓަރުތަކާއި ހިސާބަށް ނުދެވި ފްލައިޓް މިސްވެ އެމީހުންނަށް އާދެވޭނެ ގޮތެއް ނެތި ވަނީ ސައުދީގައި މަޑުކުރަން ޖެހިފައެވެ.

މައުލޫމާތުލިބޭ ގޮތުގައި އެއަރޕޯޓަށް ދިއުމަށް ހޮޓެލްގައި 2 ގަޑިއިރު ވަނީ މަޑުކުރަން ޖެހިފައެވެ. އަދި ޖިއްދާއަށް ގޮސް އެއްވެސް މަޢުލޫމާތެއް ނުދީ ބަހުގެ ތެރޭ ގަޑިއެއްހާއިރު ތިބެންޖެހި ބަސް ނައްޓާލިއިރުވެސް ގްރޫޕްގެ ގިނަ މީހުންނަށް ވާންވީ ގޮތެއްވެސް ނޭނގެއެވެ.

އަލް ބުރޫޖް ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ޢުމްރާވެރިން ތިބޭ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިއީ ބަސް ދަތުރުގެ އިންތިޒާމްތައް ހަމަޖައްސައިދޭ އެޖެންޓު ވަގުތުގެ ކުރިން ހޮޓަލުން ޗެކްއައުޓްވެ އެއަރޕޯޓަށް ދިއުމަށް ހަމަޖެހިފައިވާ ބަސްތައް ނުފޮނުވުމުގެ ސަބަބުން ދިމާވި ކަމެއްކަމަށެވެ. ގުރޫޕްގެ ފަރާތުން މިމީހުން ރާއްޖެއަށް ފޮނުވުމުގެ ކަންކަން ކުރިޔަށް ގެންދާކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް މާލެ އާދެވޭނެ ތާރީޚެއް ނޭނގޭކަމަށްވެސް އަލް ބުރޫޖް ޙައްޖު އެންޑް ޢުމްރާ ގްރޫޕުގެ ފަރާތުން ޢުމްރާވެރިންނަށް ވަނީ އަންގާފައެވެ.

މައުލޫމާތު ލިބޭގޮތުން މި މީހުންނަށް އެންމެ އަވަހަށްވެސް ރާއްޖެ އާދެވޭނީ މިމަހުގެ 26 ވަނަ ދުވަހުކަމަށްވެއެވެ. މިކަމާ ގުޅޭގޮތުން އަލް ބުރޫޖް ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ބަހެއް ހޯދުމަށް ޕީއެސްއެމް ނިއުސްއިން މަސައްކަތް ކުރިނަމަވެސް ގްރޫޕްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.