ޚަބަރު

"ބްލޫ ޓައިޑް"ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި


  • މިއޮޕަރޭޝަންގައި ހުރިހާ ފުލުހުން ބައިވެރިވާނެ

  • ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސްވަނީ ލެވަލް 3 އަށް މަތިކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫ ޓައިޑް"ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފިއެވެ. އިސްކަންދަރު ކޮށީގައި ބުރާސްފަތިދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ދެއްކެވި ވާހަކައިގައި، މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުލުހުންނާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދި އިންތިޚާބުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައްވެފައިވާކަމަށް ވިދާޅުވިއެވެ. އަދި މިމަސައްކަތް ހަވާލުކުރެވިފައިވާ ޓީމުން، ވަރަށް ފުރިހަމައަށް މިމަސައްކަތްކޮށް ދެއްވާފައިވާކަން ފާހަގަކުރައްވައި، އޮޕަރޭޝަން ކޮމާންޑަރަށާއި ޓީމަށް ޝުކުރު އަދާކުރެއްވިއެވެ.

ސީޕީ ޝުޖާޢު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ އަމާންކަމާއި އޮމާންކަމާއެކީ، ވޯޓްލާން އަންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުވެފައިވާ އިންތިޚާބެއްގެ ގޮތުގައި ފަށައި، އެގޮތުގައި އިންތިޚާބުގެ ކަންކަން ނިމިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ބައިވެރިވާ ހަރަކާތަކަށްވުމާއެކު ކޮންމެ ފުލުހަކުވެސް އެފުލުހަކަށް ހަވާލުކުރެވިފައިވާ މަސައްކަތް އިޚްލާސްތެރިކަމާއެކު އަދާކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ވޯޓުލާ މަރުކަޒުތައް ހިމެނޭ ސަރަހައްދުތަކުގައި ހަރަކާތްތެރިވާއިރު ވޯޓުލާން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރެއްވުމުގައި ހިނިތުންވުމާއެކު ރީތި ބަހުން މުއާމަލާތްކުރެއްވުމަށް ސަމާލުކަން ދެއްވުމަށްވެސް އެދިވަޑައިގެންނެވި. އަދި ފުލުހުންގެ ތަސައްވުރަށް ކިލަނބުކަން އަންނާނެ ފަދަ އެއްވެސްކަމެއް ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން މިފަދަ ކޮންމެ ފުރުސަތަކީ ފުލުހުންގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއްކަން ފާހަގަކުރައްވައި، މިއީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދެއްކުމަށް ހުޅުވިގެންދާ ދޮރަކަށްވާއިރު އެފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ފުލުހުންގެ ކިބައިން ސީޕީ އެދިވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ބްލޫ ޓައިޑް"ގެ އޮޕަރޭޝަން ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ދެއްކެވި ވާހަކައިގައި އިންތިޚާބުގެ ތައްޔާރީތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ އެކްސަސައިޒްތަކުން ދަސްވި ކަންކަމާއި ފާހަގަކުރެވުނު ކަންކަން ރަނގަޅުކޮށް، މަސައްކަތްކުރުމަށާއި ގާނޫނާއި ގަވާއިދުތަކަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރިވުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންނެވި.

މާލޭގައި މިރަސްމިއްޔާތު ކުރިއަށް ދިޔަވަގުތު ރަށްރަށުގައި ތިބި ފުލުހުންވެސް ވަނީ އޮންލައިކޮށް ބައިވެރިވެފައެވެ.

މިރަސްމިއްޔާތާއެކު ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން "ބްލޫ ޓައިޑް"ގެ މަސައްކަތްތައް މުޅި ރާއްޖޭގައި ފަށައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް އެންމެ މަތީ ދަރަޖަކަމަށްވާ ލެވަލް 3 އަށް ވަނީ މަތިކޮށްފައެވެ.