ޚަބަރު

ރައީސްގެ ހަރުދަނާ ސިޔާސަތުތައް ރައްޔިތުން ތަޖުރިބާކޮށްފި: ނައިބު ރައީސް


  • އަވަސް ތަރައްޤީ ސަރުކާރުން ގެންނަވާނެކަމުގެ އިތުބާރު އޮތްކަމަށް

  • ރައީސަށް ރައްޔިތުންގެ އިތުބާރު އެބައޮތްކަމަށް ވިދާޅުވި

ސަރުކާރުގެ ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ސަރުކާރުގެ ސްޕީޑު ރައްޔިތުންނަށް ފެނިއްޖެކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތައްވެސް ރައްޔިތުން ތަޖުރިބާކޮށްފިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ނެތި ވަރަށް ދަތިހާލުގައިވެސް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. ރައިސުލްޖުމުހޫރިއްޔާ އިންތިޚާބު ކޮށްދެއްވުމަށްފަހު ރައްޔިތުން ތިބީ މިހާތަނަށް އެހެން ގޮތެއް ނިންމައިގެން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވަނީ މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް ދީގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ހަލުއި ދުވެލީގައި ކުރިއަށްދާންކަމަށެވެ. ސަރުކާރުގެ މި ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ހަރުދަނާ ސިޔާސަތު ރައްޔިތުން ތަޖުރިބާކޮށްފިކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ރައްޔިތުން ގޮތް ނިންމައިގެން ތިބިގޮތް އަދިވެސް އެދަނީ ސާފުކޮށް ފެންނަމުން. އެ ރައްޔިތުން ބޭނުންވޭ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދޭން. އެއީ މިދިޔަ ދުވަސްތަކުގެ ތެރޭގައި އެމަނިކުފާނުގެ ސްޕީޑު ރައްޔިތުން ކަށަވަރުކޮށްފި. އެމަނިކުފާނުގެ ހަރުދަނާ ސިޔާސަތު ރައްޔިތުން ތަޖުރިބާކޮށްފި. އެހެން ކަމުން އެފަދަ ވެރިއެއްގެ ފަހަތުގައި ރައްޔިތުން ތިބެން ބޭނުންވާ މަންޒަރު، މި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން އަޅުގަނޑުމެން ކެނޑިޑޭޓުން ފަހަތުން އެ ދައްކަމުން ގެންދަނީ." ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މިހާރުގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޭރު ސަރުކާރަށް ދިނީ އޭރު ދެއްކި ވާހަތަކަތަކެއް ރައްޔިތުންގެ ޤަބޫލުކޮށްގެން ކަމަށެވެ. ނަމަވެސް އެއަށް ފަހު ރައްޔިތުންނަށް ކޮށްދެއްވުނު ޚިދުމަތެއް އޮތްތޯ ސުވާލު އުފައްދަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މިހާރުގެ ރައީސުލްޖުމުހޫރިއްޔާއަކީ ސާބިތުކަމާއެކު ރައްޔިތުންނަށް ކެރިގެން ތެދަށް ޖަވާބު ދެވޭ ބޭފުޅެއް ކަމަށާއި، އެހެންކަމުން އެމަނިކުފާނާއެކު މަސައްކަތް ކުރެވޭނެ ފަރާތްތައް މަޖިލީހުގައި ތިބުން މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި މެނިފެސްޓޯގައި ހިމެނިފައިވާކަންކަން ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް މުހިންމުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.