ޚަބަރު

ހައްދުފަހަނަ އެޅި ޔަހޫދީންގެ ޙަމަލާތައް ހުއްޓުވަން އދއިން ގޮވައިލައިފި


ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް, އެ މީހުންގެ ބިންތަކުގައި ވަޒަންވެރި ކޮށްފައިވާ ހައްދުފަހަނަ އެޅި ޔަހޫދީން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާއި ދެމުންދާ ޙަމަލާތައް ހުއްޓުވަން އދއިން ގޮވައިލައިފިއެވެ. އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން މި ކަމަށް ގޮވައިލާފައި ވަނީ, ހުޅަނގު އައްސޭރީގައި ހައްދުފަހަނަ އެޅި ޔަހޫދީންގެ ބަޔަކު ހިންގި ޖަރީމާތަކެއްގައި ފަލަސްޠީނުގެ ދެ މީހުން ޝަހީދު ކޮށްލުމާ ގުޅިގެންނެވެ.

އެ ދެ މީހުން ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ ޢާންމުން ދިން ބަޑީގެ ޙަމަލާތަކެއްގައެވެ. އަދި, ހައްދުފަހަނަ އެޅި ޔަހޫދީން ވަނީ ފަލަސްޠީނުގެ މުސްލިމުންގެ ގެދޮރާއި މުދަލުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

މި ރަޙުމު ކުޑަ އަމަލު ހިންގި ވަގުތު, ޔަހޫދީ ފައުޖުގެ ސިފައިން ވަނީ ހައްދުފަހަނަ އެޅި ޔަހޫދީ ޓެރެރިސްޓުންނަށް ހިމާޔަތް ދިނުމަށް އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައެވެ. އަދި, ޔަހޫދީންގެ ޝިކާރައަކަށްވި މީހުންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރި މީހުންނަށް ޔަހޫދީ ފައުޖުން ވަނީ ހުރަސް އަޅާފައެވެ. މި ގޮތުން, އެ ސަރަޙައްދަށް އެމްބިޔުލާންސްތައް ދަތުރު ކުރުމަށް މަސައްކަތް ކުރުމުން ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ވަނީ އެ ކަން ހުއްޓުވާފައެވެ.

ދާދިފަހުން, ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުންގެ ބައިގަނޑެއް ވަނީ ރާމަاللهގެ އިރުއުތުރުގައި އޮންނަ އަލް-މުޣީރަށް އަރައި ލާއިންސާނީ ޖަރީމާތަކެއް ހިންގާފައެވެ. އެ ޙަމަލާތަކުގައި ވެސް ފަލަސްޠީނުގެ އެކަކު ޝަހީދު ކޮށްލައި, އިތުރު 25 މީހުން ޒަޚަމު ކޮށްލިއެވެ. ޔަހޫދީ ފައުޖުގެ ސިފައިން ވަނީ އެ ޢުދުވާންތައް ހިންގި ޔަހޫދީ ޢާންމުންނަށް ވެސް ހިމާޔަތާއި ރައްކާތެރި ކަން ފޯރުކޮށްދީފައެވެ.

އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުގެ ތަރުޖަމާނު ރަވީނާ ޝާމަސާދާނީ ވިދާޅުވީ މިއީ ހިނގައިގެން ވާނެ ފަދަ ހާދިސާތަކެއް ނޫން ކަމުގައެވެ. އަދި, މި ޙަމަލާތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވިދާޅުވެ, އޭނާ ވަނީ ޔަހޫދީ ޢާންމުން ހިންގާ މި ފަދަ އަމަލުތައް ހުއްޓުވަން ފިޔަވަޅުތައް އެޅުމަށް ޤައުމުތަކަށް ގޮވައިލައްވާފައެވެ.

"[ފަލަސްޠީނުގެ މުސްލިމުންގެ ބިންތަކަށް ވެރިވެގަނެފައިވާ] އިސްތިޢުމާރީ ބާރުގެ ގޮތުގައި އިސްރާއީލުން މި ފަދަ ޙަމަލާތައް ހުއްޓުވަން މަސައްކަތް ކުރަން ޖެހޭނެ. އަދި, ހުޅަނގު އައްސޭރީގެ ސުލްޙަމަސަލަން ކަން ކަށަވަރު ކޮށްދޭން ޖެހޭނެ. އޭގެ ތެރޭގައި [ޔަހޫދީ] ވަޒަންވެރިންގެ ޙަމަލާތަކުން ފަލަސްޠީނުގެ މުސްލިމުން ހިމާޔަތް ކުރުން ހިމެނޭ،" ޝާމަސާދާނީ ވިދާޅުވިއެވެ.

އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށި ފަހުން, ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުގެ ސިފައިންނާއި ހައްދުފަހަނަ އެޅި ޔަހޫދީން ދެމުންދާ ޙަމަލާތަކުގެ ޢަދަދު ވަނީ އިތުރުވެފައެވެ. ނުރައްކާތެރި ކަން ވަނީ ބޮޑުވެފައެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 466 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.

އޮކްޓޫބަރު 7އަށް ފަހު ޔަހޫދީ ފައުޖުން ހުޅަނގު އައްސޭރީގައި ހިންގާފައިވާ ޖަރީމާތަކުގައި ފަލަސްޠީނުގެ 112 ކުޑަކުދިން ޝަހީދު ކޮށްލާފައިވާ ކަމުގައި, ފަލަސްޠީނުގެ މުސްލިމުންގެ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާ, އަލް-ޙައްޤުން ބުނެއެވެ. އަދި, ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް, މުސްލިމުންގެ ގެދޮރުން އެ މީހުން ނެރުމުގެ ހާދިސާތައް އިތުރު ކޮށްފައިވާ ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ.

އަލް-ޙައްޤުގެ އިތުރުން ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ އެހެން ޖަމުޢިއްޔާތައް ކަމުގައިވާ އަލް-މީޒާނާއި ޕަލަސްޓީނިޔަން ސެންޓަރ ފޮރ ހިޔުމަން ރައިޓްސް (ޕީސީއެޗްއާރު)ން ވެސް ވަނީ, މުސްލިމުންނާ ދެކޮޅަށް ހައްދުފަހަނަ އެޅި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވައިދޭން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 33,843އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އަށްވުރެ ގިނަ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 76,575އަށް އުފުލިފައެވެ.