ޚަބަރު

އީރާނަށް ރައްދު ޙަމަލާ ދޭނެ ކަމުގެ އިންޒާރު ޔަހޫދީން ދީފި


ޒަޔަނިސްޓު އިސްރާއީލުުގެ ރަށްތަކަށް އަމާޒުކޮށް އީރާނުން ދީފައިވާ ނުރައްކާތެރި ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އަޅާނެ ފިޔަވަޅަކާ މެދު މަޝްވަރާ ކުރުމަށް ޔަހޫދީންގެ ހަނގުރާމައިގެ ކެބިނެޓުން ތިންވަނަ ފަހަރަށް ބައްދަލު ކޮށްފިއެވެ. ޔަހޫދީންގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ހަރޓްޒީ ހަލަވީ ބުނީ, ޔަހޫދީ ފައުޖުން ރައްދުގައި އީރާނަށް ޙަމަލާދޭނެ ކަމާ މެދު ޝައްކު ނުކުރާ ކަމުގައެވެ. މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު އޭނާ ހާމައެއް ނުކުރިއެވެ.

އީރާނަށް ޙަމަލާދޭނެ ކަމަށް ހަލަވީ ބުނި ނަމަވެސް, ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އީރާނަށް ޙަމަލާ ދިނުމާ މެދު އިސްރާއީލުގެ ޢާންމު ރައްޔިތުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. ޔަހޫދީންގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ޖައްބާރު ބެންޖަމިން ނަތަންޔާހޫ ދެމި ހުރުމަށް އިސްރާއީލުގެ އާބާދީގެ ބޮޑު އިއްސައްތައެއް ދެކޮޅެވެ. އަދި, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އޭނާ އިސްވެ ހުރެ ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ވެސް ޔަހޫދީ ޢާންމުންގެ ގިނަ ބަޔަކު ނުރުހެއެވެ.

މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައި މި ވަނީ, އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ފެށުމާއި, އޭޕްރިލް 1 ވަނަ ދުވަހު ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޙަމަލާ ދިނުމާ ގުޅިގެންނެވެ. އީރާނުގެ ކޮންސިޔުލޭޓަށް ދިން ޙަމަލާގައި އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ހަތް ސިފައިން ޝަހީދު ކޮށްލިއެވެ.

300 ޑްރޯނާއި, ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް ބޭނުން ކޮށް އީރާނުން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދީފައި ވަނީ, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މި ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނަށް ޙަމަލާއެއް ދިނުމަކީ ޔަހޫދީންނަށް ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ބުނެ, އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަނީ ޔަހޫދީންނަށް އިންޒާރު ދެއްވާފައެވެ. އަދި, ޙަމަލާއެއް ދީފި ނަމަ, ކުރިއަށްވުރެ ބާރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމަށް ވެސް އީރާނުން އިންޒާރު ދެއެވެ.

އީރާނަށް ރައްދު ދިނުމުގެ ގޮތުން ޙަމަލާ ދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ބުނެ, އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރަނާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްޚޮން ވެސް ވަނީ ޔަހޫދީންނަށް ނަސޭހަތްތެރިވެފައެވެ. އެމެރިކާއިން ވެސް ވަނީ, ރައްދުގައި އީރާނަށް ޙަމަލާ ދޭން ޔަހޫދީން ނިންމައިފި ނަމަ, އެމެރިކާއިން އެ ކަމުގައި ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ. އަދި, އެ ކަމަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ.

ނަމަވެސް, އީރާނުގެ ޙަމަލާތަކާ ގުޅިގެން އެމެރިކާއިން އެ ޤައުމާ ދެކޮޅަށް އިޤުތިޞާދީ ގޮތުން އަޅާފައިވާ ފިއްތުންތައް ހަރުކަށި ކުުރާނެ ކަމަށް ބެލެވެއެވެ. މި ކަމުގައި ޗައިނާއިން ދެކޭ ގޮތް ތަފާތެވެ. ޗައިނާއިން ބުނެފައި ވަނީ, އީރާނުން އަމަލު ކޮށްފައި ވަނީ އެންމެ ރަނގަޅަށް ކަމުގައެވެ. އަދި, މަސްރަޙު އިތުރަށް ގޯސްވިޔަ ނުދިނުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށް ގަބޫލު ކުރާ ކަމުގައި ވެސް ޗައިނާއިން ބުންޏެވެ.