ޚަބަރު

މަހިބަދޫގެ ބައެއްގެގޮތުގައި މާފަރުފަޅު ހަމަޖައްސަވައިފި


  • މާފަރުފަޅު މަހިބަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ ރިޔާސީ ވަޢުދެއް

  • އެތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގާނެ

  • އިޤްތިޞާދީ އަދި ސިނާޢީ މަސައްކަތްތަކަށްވެސް ފުރުޞަތު ދޭނެ

އަރިއަތޮޅު ދެކުނުބުރީ "މާފަރުފަޅު"އަކީ އެއަތޮޅު މަހިބަދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސައިދެއްވައިފިއެވެ.

ރައީސް މިގޮތަށް ހަމަޖައްސައިދެއްވީ މިއަދު ނެރުއްވި ޤަރާރަކުންނެވެ. މާފަރުފަޅަކީ މަހިބަދޫ ގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ހަމަޖައްސަވައި، ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ބިން ހިއްކައި އެތަނުގައި ގެދޮރު ބިނާކުރުމާއި، ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކާއި ސިނާޢީ ބޭނުންތަކަށް އެތަން ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

މާފަރުފަޅަކީ މަހިބަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވަޢުދުވެވަޑައިގެންފައިވަނިކޮށް އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ އިންތިޚާބަށް ދެ ދުވަހަށް ވެފައިވަނިކޮށް މާފަރުފަޅު ހިއްކާ، މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި އެތަން ތަރައްޤީކުރުމަށް ނިންމަވާފައެވެ.

ނަމަވެސް އޭގެ މާކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަން ކުރައްވާނެކަމަށް ވަޢުދުވެވަޑައިގަތީ ސެޕްޓެމްބަރު މަހުގެ 4ވަނަ ދުވަހު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އދ. މަހިބަދުއަކީ އެ އަތޮޅުގައި އޮންނަ އެންމެ އާބާދީ ބޮޑު އެއްރަށެވެ. ޢުމްރާނީ ތަރައްޤީގެގޮތުން ބަލާއިރު އެއީ އެއަތޮޅުގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. ރަށުގެ އާބާދީ 2000އިން މައްޗަށް އަރާއިރު، ރަށުގެ ބޮޑުމިނަކީ 22.3 ހެކްޓަރެވެ.

ރައީސް ޑރ. މުޢިއްޒު ދާދި ފަހުން ވަނީ އއ. ވެލިދުއްގާއަކީ އެ އަތޮޅު ބޮޑުފޮޅުދޫގެ ބައެއްގެ ގޮތުގައާއި، ނ. ފަރުމުއްޔާއި ކަނޑިންމާހުރާ އަކީ މާފަރުގެ ބައެއްގެ ގޮތުގައިވެސް ހަމަޖައްސަވާ ދެއްވާފައެވެ.