ޚަބަރު

ޣައްޒާއަށް އެހީވުމަށް އެޗްޑީސީން އެއް މިލިއަން ރުފިޔާ ހަވާލުކޮށްފި


  • ފައިސާ ދިނީ ޣައްޒާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް

  • އެހީގެ ތަފްސީލު ހާމަކުރާނެކަމަށް އައިއޭސީން ބުނި

ޣައްޒާއަށް އެހީވުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެއް މިލިއަން ރުފިޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ އިމަރޖެންސީ ރިލީފް ފަންޑަށް ހަދިޔާކޮށްފިކަމަށް އައިއޭސީން ހާމަކޮށްފިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައިވާ ހަނގުރާމަވެރި ސަރަޙައްދުތަކާއި، ހާލުގައި ޖެހިފައިވާ އަދި އެހީތެރިކަން ބޭނުންވާ މީހުން އުޅޭ ސަރަޙައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ފަންޑު ހޯދައި އެހީފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ދިވެހި ޖަމިއްޔާއެއްކަމަށްވާ، އައިއޭސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން ހަވާލުކުރި އެހީގެ ފައިސާ، އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދީ ތަފްސީލު އާންމުކުރާނެ ކަމަށްވެސް އައިއޭސީން ވަނީ ބުނެފައެވެ.

ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް، އައިއޭސީން ވަނީ މިދިޔަ އަހަރު އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ. އެއެއްބަސްވުމުގެ ދަށުން އައިއޭސީގެ މައިގަނޑު ދައުރަކީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ފާހަގަކޮށް އެތަންތަނަށް ބޭނުންވާ އެހީ އެޗްޑީސީގެ ފަރާތުން ފޯރުކޮށްދިނުން ކަމަށް އެޗްޑީސީން ކުރިން ވަނީ ބުނެފައެވެ.

އެޗްޑީސީން އެއް މިލިއަން ރުފިޔާގެ އެހީ ޣައްޒާއަށް ފޯރުކޮށްދިނުމަށް އައިއޭސީއާއި ހަވާލުކޮށްފައިވާއިރު، ހަނގުރާމަވެރި ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ފެނާއި، ގެދޮރު ބިނާކޮށްދިނުން އަދި އެ ނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް އައިއޭސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 33 ހާސްއިން މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި 25,000އަށްވުރެ ގިނަ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 76,094އަށް އުފުލިފައެވެ.