ޚަބަރު

ވާދަވެރި ކެމްޕޭން ޙަރަކާތްތަކަށްފަހު އެދެނީ ސުލްހަވެރިކަމާއެކު ކެމްޕޭން ނިންމާލަން: ރައީސް ޞާލިޙް


  • ފޯކަސް ގެއްލުވާ ނުލުމަށް ރައީސް ސާލިހު އެދިވަޑައިގެންނެވި

  • ވާދަވެރި ސުލްހަވެރި ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ރައީސް ސާލިހު އެދިވަޑައިގެންނެވި

މަޖިލިސް އިންތިޚާބުގެ ކެމްޕޭން ހަރާކާތްތައް ވާދަވެރިކަމާއެކު ކުރިއަށްގެންގޮސް ސުލްހަވެރިކަމާއެކު ނިންމާލުމަށް އެދޭ ކަމަށް ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނުގެ ތެރެއިން އުފަންރަށް، ޅ. ހިންނަވަރަށް ވަޑައިގެން ބޭއްވި ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ރައީސް ސާލިހު ވިދާޅުވީ ކެމްޕެއިން ހަރަކާތްތައް ހިންގަން މަދު ދުވަސްކޮޅަކަށްވެފައިވާއިރު ފޯކަސް ގެއްލުވާނުލާ އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނަށް އަންގައި ދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ މެންބަރުން އިންތިޚާބުކުރަންވީ ސަބަބުތައް ޙިއްސާކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވަނީ ކެމްޕެއިންގެ ވާދަވެރިކަން އޮތްނަމަވެސް ސުލްހަވެރި ކެމްޕޭނު ނިންމާލުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ވަރަށް އުފާވޭ ވާދަވެރި އިންތިހާބެއް ކުރިއަށްދާތީ. އެހެންނަމަވެސް އެއިންތިހާބު ކުރިއަށްދާންވާނީ، ހަމަގައިމުވެސް އެމްޑީޕީވެސް އަޅުގަނޑުމެން އެދެނީ ސުލްހަވެރިކަމާއި އެކީގައި. ހަމަޖެހުމާއި އެކީގައި. ވާދަވެރިކޮށްދިޔަ ނަމަވެސް އެއްބަޔަކު އަނެއްބަޔަކާއި ދޭތެރޭ ނަފްރަތެއް، ރުޅިވެރިކަމެއް ނެތި ރީތިކޮށް ގެންގޮސް މި އިންތިހާބުގެ ކެމްޕެއިން ނިންމާލަން" ރައީސް ސާލިހު ވިދާލުވިއެވެ.

އެމްޑީޕީ މަސައްކަތް ކުރަނީ އުޞޫލުތަކާ އެއްގޮތަށްކަން ފާހަގަކުރައްވައި ރައީސް ޞާލިޙްވަނީ ކުރަން އުޅެނީ ކޮންކަމެއްކަން ރައްޔިތުންނަށް ކިޔައިދީ ސިޔާސަތުތައް ސާފުކޮށްދޭންޖެހޭކަމަށާއި، އެނޫންނަމަ ނަތީޖާ އަންނާނީ އެންމެ ރަނގަޅަށްނޫންކަން ފާހަގަކުރައްވާފައެވެ.

އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަތައް އިތުރުކޮށްފައިވާއިރު، އެ ޕާޓީގެ ލީޑާޝިޕްއިން ދަނީ އިންތިޚާބުގެ ކުރިން ވީހާވެސް ގިނަ ރަށަކަށް ދަތުރުކޮށް ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.