ޚަބަރު

އިންތިޚާބީ ޙައްގަށް އުނިކަން އަންނަ ފަދަ ކަންކަންކުރާނަމަ ފިޔަވަޅުއަޅަން އެޗްއާރްސީއެމުން ގޮވާލައިފި


ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، ވޯޓު ލާ މީހުންގެ ޙައްގަށް އުނިކަން އަންނަފަދަ ޢަމަލުތައް ކުރާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށާއި އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ދަޢުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ގޮވާލައިފިއެވެ.

އެޗްއާރްސީއެމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، ވަކި ކެންޑިޑޭޓަކަށް ތައީދު ހޯދުމުގެ ގޮތުން ވޯޓަށް ނުފޫޒު ފޯރުވުމަށް ވަޒީފާ ދިނުމާއި އަދި ވަކި ކެންޑިޑޭޓަކަށް ތާޢީދުކުރުމުން ވަޒީފާގެ ބިރު ދެއްކުން ފަދަ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ޢަމަލުތައް ހިނދަމުންދާކަމުގެ މަޢުލޫމާތުތައް ލިބެމުންދާކަމަށެވެ. މިއީ ކަންބޮޑުވާކަމެއްގެ ގޮތުގައި އެޗްއާރްސީއެމުން ފާހަގަކުރެއްވިއެވެ.

އަދި ކެންޑިޑޭޓުންނާ ގުޅޭގޮތުންނާއި ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ގަސްތުގައި ގެއްލުން ދިނުމަށްޓަކާ ނުވަތަ ގަސްތުގައި ގެންލުން ދިނުމުގެ ނިޔަތެއްނެތިވެސް ފަތުރަމުންދާކަމަށާއި، ރިޝްވަތުދިނުމާއި ވޯޓު ގަނެވިއްކުމާ ވަޒީފާގެ ބިރުދެއްކުމާ ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުންދިނުމާއި ކެމްޕެއިނަށް ހުރަސްއެޅުން ފަދަ ނޭދެވޭ ކަންކަން ހިންގަމުންދާކަމުގެ މަޢުލޫމަތު ލިބެމުންދާކަމަށް އެކޮމިޝަނުން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ކެންޑިޑޭޓުނާއި ވޯޓުލާ މީހުންގެ ޙައްގަށް އުނިކަން އަންނަފަދަ ޢަމަލުތަކުން އެންމެހާ ފަރާތްތަކުން ދުރުހެލިވުމަށް އެޗްއާރްސީއެމްއިން ވަނީ ގޮވާލާފައެވެ. އަދި މިފަދަ ޢަމަލު ކުރާ މީހުންނަށް ފިޔަވަޅު އެޅުމަށް ދަޢުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ކޮމިޝަނުން ވަނީ ގޮވާލާފައިވެއެވެ.

ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓުންނަށް އިޙުތިރާމުކުރުމާއި ރިވެތި އަޙުލާގު އިސްކުރުމުގެ އެ ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ. އަދި އިންސާފުވެރި އިންތިޚާބަކަށް މި އިންތިޚާބު ހެދުމަށްޓަކައި ޕާޓީތަކާއި މުވައްސަސާތަކާއި ވަކިވަކި ފަރުދުންވެސް ޤާނޫނީ އިމުގެ ތެރޭގައި ވާދަވެރި ރޫހެއްގައި ކުރިއަށްދިއުމަށް ވަނީ ގޮވާލާފައެވެ.