ޚަބަރު

ޔަހޫދީންގެ ހަމަލާތަކަށް ވައިގެ ސަރަހައްދު ހުޅުވާލުމާ ދެކޮޅަށް އީރާނުން ޤައުމުތަކަށް އިންޒާރު ދީފި


ޔަހޫދީ އިސްރާއީލުން އީރާނަށް ހަމަލާދޭން ވައިގެ ސަރަހައްދު ހުޅުވާލާ ކޮންމެ ޤައުމަކަށް ރައްދު ދޭނެ ކަމަށް އީރާނުގެ ދިފާއީ ވަޒީރު މުހައްމަދު ރިޒާ އަޝްތިޔާނީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން އިންޒާރުދެއްވާފައި މިވަނީ އީރާނުން ޔަހޫދީންނަށް އަމާޒުކޮށް ޑްރޯން އާ މިސައިލް ހަމަލާތަކެއް ފޮނުވާލައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ މަސްދަރުތަކާ ހަވާލާދީ އީރާނުގެ ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯސް (އައިއާރުޖީސީ)ން ވަނީ އިސްރާއީލަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. މި ހަމަލާތައް އިރާނުން އިސްރާއީލަށް އަމާޒުކޮށްފައި މިވަނީ ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާއެއްގައި އައިއާރުޖީސީގެ ހަތް މެމްބަރަކު މަރުވިތާ ގާތްގަނޑަކަށް ދެ ހަފްތާ ފަހުންނެވެ.

މިހާތަނަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އީރާނުން އިސްރާއީލަށް ފޮނުވާލި 100 އަށް ވުރެ ގިނަ ޑްރޯން ދެނެގަނެފައެވެ. އަދި އިސްރާއީލުގެ ވައިގެ ސިފައިން ދަނީ ޑްރޯންތައް ޓްރެކްކޮށް، ހަމަލާގެ ރާޅުތަކަށް ތައްޔާރުވަމުން ކަމަށާއި އޭގެ ތެރޭގައި މިސައިލް ވެސް ހިމެނިދާނެ ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ،

މި ޑްރޯންތައް ފޮނުވާލުމާ ގުޅިގެން އިސްރާއީލުގެ އިތުރުން އީރާޤާއި އުރުދުނުން ވަނީ އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދުތައް ބަންދުކޮށްފައެވެ.