ޚަބަރު

އީރާނުން އިސްރާއީލަށް ޑްރޯން ހަމަލާތަކެއް ފޮނުވާލައިފި


އީރާނުން ގިނަ އަދަދެއްގެ ޑްރޯންތައް އިސްރާއީލަށް ފޮނުވާލާފައިވާ ކަމަށާއި، އެ ޑްރޯންތައް އިސްރާއީލަށް ވާސިލުވުމަށް ގަޑިއިރުތަކެއް ނަގާނެކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އީރާނުގެ މަސްދަރުތަކާ ހަވާލާދީ އީރާނުގެ ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯސް (އައިއާރުޖީސީ)ން ވަނީ އިސްރާއީލަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. މި ހަމަލާތައް އިރާނުން އިސްރާއީލަށް އަމާޒުކޮށްފައި މިވަނީ ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާއެއްގައި އައިއާރުޖީސީގެ ހަތް މެމްބަރަކު މަރުވިތާ ގާތްގަނޑަކަށް ދެ ހަފްތާ ފަހުންނެވެ.

މިކަމާ ގުޅިގެން ޔަހޫދީ އިސްރާއީލުގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ވަނީ އީރާނުން ޔޫއޭވީ އިސްރާއީލާ ދިމާއަށް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެކަމާ ގުޅިގެން ތައްޔާރުވެފައިވާ ކަމަށާ އަދި ޑްރޯންތައް އިސްރާއީލުގެ ވައިގެ ސަރަހައްދަށް ފޯރާނީ ގަޑިއިރުތަކެއް ފަހުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ޑްރޯންތައް އިސްރާއީލަށް ފޯރާނެ ކަމަށް ބެލެވެނީ އިސްރާއީލުގެ ގަޑިން މެންދަމު 2 (ރާއްޖެ ގަޑިން 4) ޖަހާއިރު ކަމަށް ބެލެވެއެވެ.

މިހާތަނަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އީރާނުން އިސްރާއީލަށް ފޮނުވާލި 100 އަށް ވުރެ ގިނަ ޑްރޯން ދެނެގަނެފައެވެ. އަދި އިސްރާއީލުގެ ވައިގެ ސިފައިން ދަނީ ޑްރޯންތައް ޓްރެކްކޮށް، ހަމަލާގެ ރާޅުތަކަށް ތައްޔާރުވަމުން ކަމަށާއި އޭގެ ތެރޭގައި މިސައިލް ވެސް ހިމެނިދާނެ ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ،

މިހާރު ޓްރެކް ކުރަމުންދާ ޑްރޯންތައް ގަޑިއެއްހާއިރުގެ ތެރޭގައި އިސްރާއީލަށް ފޯރާނެ ކަމަށް ބެލެވުނު ނަމަވެސް، އޭގެ ކުރިން ޑްރޯންތައް ހުއްޓުވުމަށް މަސައްކަތް ކުރާނެކަމަށް އިސްރާއީލުން މައުލޫމާތުދެއެވެ. މިއާއެކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ތެލް އަވީވްގައި ވޯ ކެބިނެޓް ބައްދަލުވުމެއް ބާއްވާފައެވެ.